Roadha Mihaaru
ސެމީގައި މޯލްޑިވިއަން އާއި ސިފައިންގެ ކުރިމަތިލުުމެއް

ސެމީގައި މޯލްޑިވިއަން އާއި ސިފައިންގެ ކުރިމަތިލުުމެއް

16 ޖުލައި 2016

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބް ސެމީ ފައިނަލުގައި މޯލްޑިވިއަންއާ ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބް ސެމީ ފައިނަލުގައި މޯލްޑިވިއަންއާ ވާދަކުރަން ޖެހިއްޖެ އެވެ.

ސާދަ ޕޮއިންޓާ އެކު ސިފައިން އެއް ވަނަ ހޯދިއިރު އާދީއްތަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެ ޓީމު ވާދަކުރަން ޖެހެނީ 13 ޕޮއިންޓާ އެކު ދެ ވަނަ ހޯދި މޯލްޑިވިއަންއާ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެ އެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ނުވަ ޕޮއިންޓާ އެކު ތިން ވަނަ ހޯދި ޕޮލިސް ކްލަބާއި ހަ ޕޮއިންޓާ އެކު ހަތަރު ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީ އެވެ. އެ މެޗުން ބަލިވާ ޓީމެއް ކަޓާއިރު މޮޅުވާ ޓީމަކަށް ޖެހޭނީ މޯލްޑިވިއަން-ސިފައިން ކުޅެ ބަލިވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ހޯމަ ދުވަހުގެރޭ ކުޅޭށެވެ. ބުދަ ދުވަހުގެރޭ އޮންނަ ފައިނަލުގެ ފަހު ފުރުސަތު ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

މިރޭ މޯލްޑިވިއަން އަތުން ސިފައިން މޮޅުވީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު 13-25 އިން ކާމިޔާބުކުރީ މޯލްޑިވިއަން އެވެ. ދެ ވަނަ ސެޓު 25-17 އިން ސިފައިން ކާމިޔާބުކޮށްފައިވަނިކޮށް ތިން ވަނަ ސެޓު 14-25 އިން މޯލްޑިވިއަން ހޯދި އެވެ. ހަތަރު ވަނަ ސެޓު 25-19 އިން ސިފައިން ކާމިޔާބުކުރުމުން ދެ ޓީމު އެއްވަރުވިއިރު، ސިފައިން މޮޅުވީ ފަހު ސެޓު 15-13 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ކެޕްޓަން އަހުމަދު ނަސީރެވެ.

ޕޮލިސް ވަނީ މިރޭ ފަހު މެޗުން ކިހާވަށް ވޯރިއާސް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ޕޮލިހުން ސެޓުތައް ކާމިޔާބުކުރީ 25-13، 25-21 އަދި 25-19 އިންނެވެ. ތިން ޕޮއިންޓާ އެކު ފަސް ވަނަ އަށް ދިޔަ ކިހާވަށް އަދި ޕޮއިންޓެއް ނުލިބި ހަ ވަނަ އަށް ދިޔަ ސްޕޯޓްސް ކްލަބް ވިޝަން ވަނީ މުބާރާތުން ކަޓައިފަ އެވެ.