Roadha Mihaaru
ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް

ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް

18 ޖުލައި 2016

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ދިވެހި ސިފައިންގެ ކްލަބް މިރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ދިވެހި ސިފައިންގެ ކްލަބް މިރޭ ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުން މޮޅުވެގެންނެވެ.

މި މެޗުން ބަލިވީ ނަމަވެސް މޯލްޑިވިއަން އަށް ފައިނަލުގެ ފުރުސަތު އެއްކޮށް ނުގެއްލެ އެވެ. އެ ޓީމަށް ޖެހޭނީ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ސްޕޯޓްސް ކްލަބް ސިޓީ އަތުން މޮޅުވީ ޕޮލިސް ކްލަބާ އެކު ތިން ވަނަ ސެމީ ފައިނަލުގައި މާދަމާރޭ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ސިފައިންނާއި މޯލްޑިވިއަން ކުޅުނު މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މޯލްޑިވިއަން އިންނެވެ. އެއީ 22-25 އިންނެވެ. ދެ ވަނަ ސެޓު 27-25 އިން ސިފައިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓު 19-25 އިން މޯލްޑިވިއަން ކާމިޔާބުކޮށް ލީޑު ނެގި އެވެ. ހަތަރު ވަނަ ސެޓު 25-20 އިން ސިފައިން ކާމިޔާބުކުރުމާ އެކު ދެ ޓީމު ހަމަހަމަވި އެވެ. ނަތީޖާ ނެރެން ކުޅުނު ފަހު ސެޓު ވަރަށް ފޯރިގަދަވި އިރު މި ސެޓު 22-20 އިން ކާމިޔާބުކޮށް ސިފައިން ފައިނަލުން ޖާގަ ހޯދި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ނަސީރެވެ.

ފުރަތަމަ ސެމީ ފައިނަލުން މިއަދު ސިޓީ އަތުން ޕޮލިސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-21، 25-16 އަދި 25-13 އިންނެވެ. މި މެޗުން ބަލިވުމާ އެކު ސިޓީ ވަނީ މުބާރާތުން ކަޓައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހަށް ކުޅޭ އިންޑިއާގެ ޕްރަބާގަރަން ޕްރަބާ އެވެ.