Roadha Mihaaru
"އަމުރުން އެނގެނީ ގަރާރު ފާސްކުރީ ރަނގަޅަށް ކަން"

ކޯޓު އަމުރުން އެނގެނީ ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރީ ރަނގަޅަށް ކަން: ޕީޕީއެމް

21 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ ގަރާރު ފާސްކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން މަޖިލީހުގެ ނިންމުމަށް އަމަލު ކުރުމަށް އެ ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުން އެނގުނީ އެ ގަރާރު ފާސްކުރުމުގައި މަޖިލީހުން އަމަލުކުރީ ރަނގަޅަށް ކަން ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

ކުއްލި ހާލަތުގެ ގަރާރު ފާސްކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން މަޖިލީހުގެ ނިންމުމަށް އަމަލު ކުރުމަށް އެ ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުން އެނގުނީ އެ ގަރާރު ފާސްކުރުމުގައި މަޖިލީހުން އަމަލުކުރީ ރަނގަޅަށް ކަން ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން އިއްޔެ ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި (މިހާރުގެ ޖުމްލަ އަދަދުން 43) މެމްބަރުން ހާޒިރުވެ ތިބެގެންނެވެ. އެ އަދަދަށް މެމްބަރުން ނެތީސް، ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުން ވޯޓަށް އެހީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަމުގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ކުއްލި ހާލަތުގެ ގަރާރު ނުހިމެނޭތީ އެވެ.

އެ ގަރާރު ފާސްކުރިޔަސް. އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން ވަނީ އެދިފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ އެ ކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެވެންދެން މަޖިލީހުގެ ނިންމުމަށް އަމަލު ކުރުމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން މަޖިލީހުން ނިިންމި ނިންމުމުގެ ސައްހަކަމާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ކަމަށެވެ. އެކަމަކު މިރޭގެ ވަގުތީ އަމުރުން އެނގެނީ މަޖިލީހުން އެ ގަރާރު ފާސް ކުރުމުގައި އަމަލުކުރީ ރަނގަޅަށް ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމުން އެނގެންދަނީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނެތް ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އެއީ ވަގުތީ އަމުރެކޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސުޕްރީމް ކޯޓުން ދިރާސާކޮށްފައި އެއާ މެދު ގޮތެއް ނިންމަވަންދެން ވެސް ވަގުތީ އަމުރެއް ނެރެދެއްވަން ވިދާޅުވި ވިދާޅުވުމުން ދޭހަވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑުމެން ކުރި މަސައްކަތަކީ ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތެއް ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރާ މެދު ވެސް އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ސުޕްރީމް ކޯޓުގެ އަމުރެއް އައީ މި މަހުގެ ފުރަތަމަ ދުވަހު އެކަނިތޯ ސުވާލު އުފައްދަވައިފަ އެވެ. މިރޭ ނެރުނު އަމުރަކީ ވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ކަމަށާއި އެހެންވެ އެ އަމުރު ވެސް ބަލައިގަންނަން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހަމައެކަނި މި ބޭފުޅުން ބަލައިގަންނަން މިޖެހެނީ 1 ފެބްރުއަރީގައި ނެރުނު އަމުރު. ކޯޓުތަކުގެ ނިންމުންތަކަށް އެހާ އިހްތިރާމްކުރާ ބޭފުޅުން ކަމަށް ވަންޏާ ސުޕްރީމް ކޯޓުން ނެރޭ ކޮންމެ އަމުރަކަށް ތަބާ ވާންޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިމަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ޕީޕީއެމުން ގަބޫލު ނުކުރީ އެއީ ގާނޫނުއަސާސީއާ ޚިލާފަށް ނެރުނު އަމުރަކަށް ވާތީ އެވެ. އެ އަމުރުގެ އެންމެ ނުކުތާއެއް ފިޔަވައި އެހެން ބައިތައް ސުޕްރީމް ކޯޓުން މިހާރު ބާތިލް ކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.