Roadha Mihaaru
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

30 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު މަސައްކަތް ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު މަސައްކަތް ފައްޓަވައިފި އެވެ.

"މިހާރު" އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނެވެ. އޭގެ ތެރެއިން ގިނަ މެމްބަރުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ވެސް ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް (ކ) އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، މަޖިލީހުގެ ގޯތިތެރޭގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް (ކ) އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، މަޖިލީހުގެ ގޯތިތެރޭގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޖުލައި 3، 2017 ގައި ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުން ވަނީ މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވި އޮތް އޮތުން އަހަރެއް ފަހުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން ތިއްބަވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ބައެއް މެމްބަރުން ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މައްސަލަ މިހާރުން މިހާރަށް މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގިނަ އަދަދެއްގެ މެމްބަރުން ތާއީދު ވެސް ކުރެއްވި އެވެ.

ވަޓްސްއެޕް ގްރޫޕްގައި ރައީސް ޔާމީން "އަޒުލު ކުރުމަށް" ހުށަހަޅަން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ގޮވާލެއްވުމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާކީ "އެއް ދުވަސް" އޮތަސް އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ.

ސައުދުﷲ އާއި މުސްތަފާގެ ވާހަކައަށް ތާއީދު ކުރައްވައި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމަކީ "މިހާރުން މިހާރަށް" ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭގެ ފަހުގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވިދާޅުވީ ރައީސް ޔާމީން ވަކި ކުރުމުގެ މައްސަލަ މާދަމާ ވެސް މަޖިލީހަށް ވައްދަންވީ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން، ސުޕްރީމް ކޯޓުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން، ސުޕްރީމް ކޯޓުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އެއީ، މިހާރު މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އެހެންވެ، ރައީސް ޔާމީން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމަކީ ފަސޭހަ ކަމެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މަގާމުން ވަކި ކުރުމަށް ބޭނުންވާ ސޮއި މިހާރު ހޯދުމަކީ "އެއްވެސް ކަމެއް ނޫނެވެ".

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުމާއި ގާނޫނުއަސާސީ އާއި ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާގާބިލްވުން ހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، މަޖިލީހުން ވަކި ކުރަން ފާސްކޮށްފިނަމަ، އެކަމާ މެދު ދެން ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ރައީސް ޔާމީން ވަކި ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމުގެ މަސައްކަތް ފެށިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ބާކީ އޮތީ އެންމެ 17 ދުވަހެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލި ކުރެއްވި އިންތިހާބީ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރާއިރު، 51 މެމްބަރުންގެ ސޮޔާއެކު، މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އެ މައްސަލަ ހުށަހަޅުއްވަން ޕީޕީއެމްގެ މެމްބަރުން ވެސް ސޮއި ކުރެއްވި އެވެ.