Roadha Mihaaru
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި

އީޔޫގެ ގަރާރާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަޝްވަރާއަށް ގޮވާލައިފި

27 ފެބުރުއަރީ 2018

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރުދީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ފާސްކުރި ގަރާރާ ގުޅިގެން މަޝްވަރާ ކުރުމަށް، ސިޔާސީ ޕާޓީތަކަށް ސަރުކާރުން އަނެއްކާ ވެސް މިއަދު ގޮވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށާއި އެހެން ނޫން ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރުދީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ފާސްކުރި ގަރާރާ ގުޅިގެން މަޝްވަރާ ކުރުމަށް، ސިޔާސީ ޕާޓީތަކަށް ސަރުކާރުން އަނެއްކާ ވެސް މިއަދު ގޮވާލައިފި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގެ މުހިއްމުކަން އީޔޫގެ ގަރާރުގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ، ޝަރުތުތަކަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ސަރުކާރުން އަނެއްކާ ވެސް ގޮވާލާ ކަމަށެވެ.

މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ޝައިނީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލު ހޯދަން ބާއްވާ އެ މަޝްވަރާތަކަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޕާޓީތަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުން ޝަރުުތުތައް ކުރިމަތި ކުރާތީ އެ ބައްދަލުވުން ކުރިއަށް ނުގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރުޕީން ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެކަން އަންގައި ސިޓީ ފޮނުވައިފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ނުދާތީ އެ ޕާޓީތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ޝަރުތެއް ނެތި މި މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ އަމިއްލަ ފައިދާއަށް ޓަކަ އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި ވާހަކަ ދައްކައިގެން ނޫނީ މި މައްސަލަތަކަކަށް ހައްލެއް ނާންނާނެ. މި މަޝްވަރާތަކަށް އަޅުގަނޑުމެން މި ގޮވާލަނީ ވަރަށް އިހުލާސްތެރިކަމާއެކު، އީޔޫން ވެސް މިކަން ފާހަގަކޮށްފައިވާތީ،" އޭނާ ވިދާޅުވި އެވެ.

މަޝްވަރާތަކަށް ގޮވާލައި އިދިކޮޅު ޕާޓީތަކަށް ރައީސް އޮފީހުން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއްކަން ޔަގީންކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން މަަޝްވަރާކުރުމުގެ މުހިއްމުކަން، އިއްޔެ ބޭއްވި އީޔޫގެ ބައްދަލުވުމެއްގައި ވެސް ފާޙަގަކޮށްފައިވާ ކަމަށެވެ. އެހެންވެ، މި މަޝްވަަރާތަކަށް މި ފަހަރު ޕާޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

ޕާޓީތަކާ އެކު ވާހަކަތައް ކުރިއަށް ގެންދަން އދ.ގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު އެ ބައްދަލުވުމުގައި އދ. ބައިވެރިކުރަން ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.

މި ވާހަކަތައް ދޮގު ކުރައްވަމުން ޝައިނީ ވިދާޅުވެފައިވަނީ ރައީސްގެ އެދިވަޑައިގަތުމަށް އދ. އިން އެއްބާރުލުންދީފައިވާ ކަމަށާއި އަދި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީޔޫގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.