Roadha Mihaaru
ފާރިސްގެ އަނިޔާތައް ސީރިއަސް ކަމަށް ބެލެވޭ: އާއިލާ

ފާރިސަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ކަމަށް ބެލެވޭ: އާއިލާ، ވަކީލުން

19 މާޗް 2018

ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދު ކޮށްފައި ހުރި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ތަހުގީގުގައި ސުވާލު ކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ކޮނޑުހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށް އޭނާގެ އާއިލާ އާއި ވަކީލުން މިއަދު ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދު ކޮށްފައި ހުރި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ތަހުގީގުގައި ސުވާލު ކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ކޮނޑުހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށް އޭނާގެ އާއިލާ އާއި ވަކީލުން މިއަދު ތުހުމަތުކޮށްފި އެވެ.

ފާރިސްގެ ދެކޮޅުހެދުންތަކާ އެކު، ވަކީލެއްގެ ޣައިރު ހާޒިރުގައި ތަހުގީގަށް ސުވާލު ކުރުމަށް ގޮޅިން ނެރުމުގެ ތެރޭގައި ކޮނޑުހުޅަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ކަމަށް އޭނާގެ ވަކީލުން ވިދާޅުވެ އެވެ. އެ އަނިޔާއާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗަށް ގެނެސް އެކްސްރޭއެއް ނެގުމަށް ފަހު، ރޭ ވެސް މާލެ ގެނެސް ފަރުވާ ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.

އެކަމަކު، ފާރިސަށް ފަރުވާދޭން މާލެ ގެނައިކަމެއް އަދި އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ވަކީލުންނާއި އާއިލާއާ ހިއްސާކޮށްފައެއް ނުވެ އެވެ.

"އެންމެ ކުޑަމިނުން، އިމަޖެންސީ ފޯނު ކޯލެއް ވެސް ނުދޭ. ފާރިސް ރޭ އައިޖީއެމްއެޗަށް ގެނައި ކަން އަޅުގަނޑުމެންނަށް އެނގިގެން އާއިލާ އިން ވެސް ދިޔަ. އެކަމަކު އޭރު ލޯންޗަށް އަރުވައިގެން ގެންގޮސްފި. ދެ ވަނަ ފަހަރަށް މާލެ ގެނެސް ފަރުވާ ދޭނީ ކޮނޑުހުޅަށް ލިބުނު އަނިޔާ ސީރިއަސްވުމުން ކަމަށް ގަބޫލުކުރަނީ،" ވަކީލު، މުހައްމަދުު ފައިސަލް ވިދާޅުވި އެވެ.

ފާރިސް ސިއްރުން ހޮސްޕިޓަލަށް ގެނައި ސަބަބާ މެދު ސުވާލު އުފައްދައި ދައްތާފުޅު، ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއް.

ފައިސަލް ވިދާޅުވި ގޮތުގައި ފާރިސްގެ ހާލަތު އާއިލާ އާއި ވަކީލުންނަށް ފުލުހުން ނޭންގުމަކީ ކަންބޮޑުވާ މައްސަލައެކެވެ.

އޭނާ ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ފުލުހުންގެ ބަންދުގައި ހުންނެވި ފާރިސް، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކޮށްފައިވާ މައްސަލައިގައި މިއަދު ސުވާލު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ތަހުގީގު ކުރުމުގެ ނަމުގައި އޭނާއާ މެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިޔާވެރިކޮށެވެ. ރިޝްވަތުގެ ދައުވާގައި، ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުމުން، ބާރުގެ ބޭނުންކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށް ތަހުގީގު ހިންގަން ފެށީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސްގެ އިތުރުން ބައްޕާފުޅު މައުމޫން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.