Roadha Mihaaru
ގަރާރަށް އަމަލު ކުރުން ލާޒިމެއް ނޫން! އެކަމަކު....

ގަރާރަށް އަމަލު ކުރުން ލާޒިމެއް ނޫން! އެކަމަކު....

04 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަށް ދީފައި އޮންނަ ދުސްތޫރީ ބާރެކެވެ. އެ ހާލަތު ބަދަލުކުރުމާއި ނިމުމަކަށް ގެނައުމުގެ ބާރު އެންމެ މަތީ ވެރިޔާގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށް ވެސް ލިބިގެންވެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަށް ދީފައި އޮންނަ ދުސްތޫރީ ބާރެކެވެ. އެ ހާލަތު ބަދަލުކުރުމާއި ނިމުމަކަށް ގެނައުމުގެ ބާރު އެންމެ މަތީ ވެރިޔާގެ އިތުރުން ގާނޫނު ހަދާ މަޖިލީހަށް ވެސް ލިބިގެންވެ އެވެ.

ނަމަވެސް ދައުލަތުގެ އެންމެ މަތީ ވެރިޔާ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީމާ، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ނުވާ ގައުމެއް އޮތް ކަމެއް އެނގޭކަށް ނެތެވެ؛ ދިވެހިރާއްޖެ ފިޔަވަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނެރުއްވި ގަރާރާއި އޭގެ މުއްދަތު އިތުރު ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، ފާސްކުރީ އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ނުވާ އެއްޗެއް ކަމަށް ނިންމައިގެންނެވެ.

މަޖިލީހުގެ އެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށް، އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ނޫން އެއްޗެއް ކަމަށް ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ނަތީޖާ ވެސް މިހާރު ދަނީ ފެންނަމުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ދިޔުމުގެ ކުރިން މަޖިލީހާއި ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލައިލުން މުހިންމެވެ.

މި މައްސަލައިގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ވެސް އަދި މަޖިލީހަށް ވެސް އެންމެ ފުރަތަމަ ގަބޫލުކުރެވުނީ، ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްޗެއް ކަމަށެވެ. އެހެންކަމުން ރައީސް އިއުލާން ކުރެއްވި އެ ހާލަތާ މެދު ގޮތެއް ނިންމޭނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް، ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ގަބޫލުކުރެއްވި އެވެ.

ނަމަވެސް، ޖަލްސާގައި ބައިވެރިވުމަށް އެދި ޕީޕީއެމުން އާދޭސް ކުރުމުން ވެސް، އިދިކޮޅު މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމުން، އެ މާއްދާގައި އެ ބުނާ އަދަދަށް މެންބަރުން ހަމަނުވާނެ ކަން އެނގުމުން، މަޖިލީހުގެ ރިއާސަތުން ގާނޫނުއަސާސީގެ އެ މާއްދާ މާނަކުރީ މަޖިލީހުގެ ގަވާއިދާ ހަވާލާދީ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބައެއް މެމްބަރުން. ފޮޓޯ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހެޅުމަށްޓަކައި ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބައެއް މެމްބަރުން. ފޮޓޯ މަޖިލިސް

މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ "ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް" މާނަކޮށްދީފައިވަނީ ހަ ބާވަތެއްގެ ގާނޫނެއްގެ ގޮތުގަ އެވެ. އެހެންކަމުން މަޖިލީހުގެ ރިއާސަތުގެ ބަހަނާއަކަށް ވީ، ކުއްލި ނުރައްކަލުގެ ހާލަތަކީ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ބުނާ ބާވަތުގެ ގާނޫނަކަށް ނުވުމެވެ.

އެ ގޮތަށް މާނަކޮށްގެން ރައީސްގެ ގަރާރު ފާސްކޮށް އަދި އެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް ވެސް ފާސްކުރީ އެންމެ 38 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އަހާ އިރު، މަޖިލީހުގެ ކޯރަމަކީ ކޮބައިކަން ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ވެސް ގަރާރެއް ފާސްކުރުމުން، މި ނިންމުނީ އެންމެ ރަނގަޅަށް ނޫން ކަން މަޖިލީހަށް ވެސް މޭރުންވީ ކަމަށް ގަބޫލުކުރެވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ދިރާސާކުރި ތިން ފަނޑިޔާރުންނަށް ފުރަތަމަ ފާހަގަކުރެވުނު ކަމަކީ، ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިފައިވަނީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) މާނަކުރުމުގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިގެން ކަމެވެ. އެއީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށާއި މުއްދަތު އިތުރުކުރަން ވޯޓު ނަގަންވާނީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެވެ.

އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާ ކުރުމުން، އެއީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ފުލުހުން މުޒާހަރާ ރޫޅައިލަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާ ކުރުމުން، އެއީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ފުލުހުން މުޒާހަރާ ރޫޅައިލަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެހެންވީމާ، މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމާ މެދުގަ އެވެ.

ސުޕްރީމް ކޯޓުން މަޖިލީހަށް ދިން ލަފާގެ ފަސް ވަނަ ނުކުތާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު "އިއުލާން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުނު ގަރާރަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އާންމު އަދި މުޖައްރަދު ގާއިދާތަކެއް ހިމެނިގެންވާ ގަރާރެއް ނޫން" ކަމަށެވެ.

އެއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާނީ، އެ ގަރާރު ތަންފީޒު ކުރުމަށް ހެދިފައިވާ ގާނޫނުތަކެއް ވާ ނަމަ އެ ގާނޫނުތަކަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ލަފާގެ އެ ނުކުތާގައިވެ އެވެ. ނަމަވެސް ރައީސްގެ ގަރާރާއި އެ ގަރާރުގެ މުއްދަތު އިތުރުކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ "ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ހަދާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް ފާސްކޮށްފައި ނުވާ" ކަމަށް ވެސް އެ ނުކުތާގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ލަފާގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބައި ހާޒިރުވެ ތިބެގެން ވޯޓަށް އަހަން ޖެހޭ ކަންކަމުގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި "ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރު ޝާމިލުކޮށްފައި ނުވާ" ކަމެވެ.

މި ކަންކަމަށް ބަލައި ސުޕްރީމް ކޯޓުން ނިންމީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސް ޔާމީން ނެރުއްވި ގަރާރަކީ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ނޫން އެއްޗެއް ކަމަށާއި އެހެންކަމުން، އެ ހާލަތު އިއުލާންކޮށް ނެރުއްވި ގަރާރާ މެދު ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާއިރު، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބައި ހާޒިރުވެ ތިބެން ނުޖެހޭނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އިދިކޮޅު ޕާޓީތަކުން މާލޭގައި ކުރި މުޒާހަރާއެއް ފުލުހުން ރޫޅައިލަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އިދިކޮޅު ޕާޓީތަކުން މާލޭގައި ކުރި މުޒާހަރާއެއް ފުލުހުން ރޫޅައިލަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެހެންކަމަށްވާ ނަމަ، ސުވާލަކީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން މަނާކޮށްފައިވާ މަނާކުރުންތަކަށް ރައްޔިތުން އަމަލު ކުރަން ޖެހޭނެ ހެއްޔެވެ؟ އެ ގަރާރުން، ގާނޫނުއަސާސީގެ ބައެއް މާއްދާތައް ހިފަހައްޓާފައިވާ އިރު، ހިފެހެއްޓި ބައެއް މާއްދާތަކަކީ ރައްޔިތުން ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ނުކުރުމަށް ބުނެފައިވާ މާއްދާތަކެކެވެ.

އޭގެ އެއް މިސާލަކީ ގާނޫނުއަސާސީގެ 31 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ، އިހުތިޖާޖް ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުގައި މި މާއްދާ ހިފަހައްޓާފައިވުމުން، އޭގެ ނަތީޖާއަކަށް ވާނީ، ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލުން މަނާވުމެވެ.

ނަމަވެސް އެ ގަރާރުގައިވާ ކަންކަމަކީ އެ މައްޗަށް ރައްޔިތުން އަމަލުކުރުން ލާޒިމްނުވާ އެއްޗަކަށް ވާތީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތަސް، އިހުތިޖާޖް ކުރުމަށްޓަކައި ހަޅުތާލުކޮށް މަސައްކަތް ހުއްޓާލައިގެން ތިބެވޭނެ ނޫން ހެއްޔެވެ؟ އަދި އެއީ ގާނޫނުއަސާސީގެ 31 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ހައްގަކަށްވާ އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، އިހްތިޖާޖްކޮށް ހަޅުތާލުކުރިއްޔޭ ކިޔާފައި އެއްވެސް މީހަކު ކުށްވެރި ކުރެވޭނެ ގާނޫނީ ހަމައެއް އޮންނާނެ ހެއްޔެވެ؟

މިފަދަ ދެ ވަނަ މިސާލަކީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ މި މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި މި މާއްދާ ހިފަހައްޓާފައި އޮތަސް ވެސް، އެ ހާލަތުގެ ގަރާރުގައިވާ ކަންކަމަކީ އެ މައްޗަށް ރައްޔިތުން އަމަލުކުރުން ލާޒިމްނުވާ އެއްޗަކަށް ވާތީ، މިހާރު ވެސް، ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި މުޒާހަރާ ކުރުމާއި ސިޔާސީ އެއްވުންތައް ބޭއްވުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވެ އެވެ.

އެމްޑީޕީ ހަރުގެ ކައިރީގައި ފެބްރުއަރީ 12 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ރޫޅާލައި މީހުން ފޮނުވާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީ ހަރުގެ ކައިރީގައި ފެބްރުއަރީ 12 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ރޫޅާލައި މީހުން ފޮނުވާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ކަމަށް ބާރު ލިބިދޭ އަނެއް ހެއްކަކީ، އެ ގަރާރުން ސިޔާސީ އެއްވުންތައް މަނާކޮށްފައި އޮއްވައި، މިދިއަ މަހުގެ 25 ވަނަ ދުވަހު ފުލުހުން އެކަން ހުއްދަ ކުރުމެވެ. އެ ދުވަހު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރޭގަނޑު 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް މީހުން އެއްވެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މާނައަކީ ރޭގަނޑު 10:30ގެ ކުރިން ސިޔާސީ އެއްވުންތައް ބޭއްވޭނެ އެވެ. ނަމަވެސްސުވާލަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން މަނާކޮށްފައި އޮތް ކަމެއް ފުލުހުން ހުއްދަކުރަނީ ކޮން ގާނޫނީ ހަމައަކުން ހެއްޔެވެ؟

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަނާކުރާ ކަންކަން އަލުން ހުއްދަ ކުރުމާއި އެ ހާލަތަށް ބަދަލު ގެނައުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެކެވެ. ސަރުކާރުން އަމަލު ކޮށްފައިވަނީ ވެސް އެ ގޮތަށެވެ. މިދިއަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، އިތުރު ހައްގުތަކެއް ހިފަހައްޓަވަން ބޭނުންވި ހިނދު އެކަން ކުރެއްވީ، 6 ވަނަ ދުވަހު ނެރުއްވި އެހެން ގަރާރަކުންނެވެ.

އޭގެ އިތުރުން އެ ހާލަތު އިއުލާން ކުރައްވައި ފުރަތަމަ ނެރުއްވި ގަރާރުން ހިފެހެއްޓި ގާނޫނުއަސާސީގެ 145 (ނ) އެ ގަރާރުން އުނިކުރަން ބޭނުންފުޅުވި ހިނދު އެކަން ކުރެއްވީ ވެސް، މި މަހުގެ 6 ވަނަ ދުވަހު ރައީސް ޔާމީން ނެރުއްވި އިތުރު ގަރާރަކުންނެވެ.

ވީއިރު، ރައީސްގެ ގަރާރަކުން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ އެއްޗެއް ކަމަށްވާ ނަމަ، އެ ގަރާރަށް ރައީސް ނުގެންނަވާ ބަދަލެއް ފުލުހުން ގެންނަނީ ގާނޫނީ ކޮން ހަމައަކުން ހެއްޔެވެ؟

މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ އެ މައްޗަށް ރައްޔިތުން އަމަލުކުރުން ލާޒިމް އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުންނާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވީ ހިނދު، ގާނޫނާ ޚިލާފަށް ސަލާމަތީ ބާރުތަކުން ކުރަން އުޅޭ ކޮންމެ ކަމަކަށް ދެކޮޅުހެދުމުގެ ގާނޫނީ ހައްގު ކޮންމެ މީހަކަށް ލިބިގެން ނުވޭތޯ އެވެ؟ ކުއްލި ނުރައްކަލުގެ ހާލަތަށް ރައްޔިތުން އަމަލު ނުކޮށްގެން ނުވަތަ އެ ހާލަތުގައި ހިފަހައްޓާފައިވާ މިނިވަންކަމެއްގެ ބޭނުންކޮށްގެން އެމީހަކު ކުށްވެރިވާ ނަމަ، ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުނުވާ އެއްޗަކަށް ވަނީ ކޮން ގޮތަކުންތޯ އެވެ؟