Roadha Mihaaru
ވަކިވަކި ސިފައިން މަޖިލީހަށް ގެންދެވޭނެ ކަމުގެ ލަފައެއް

ވަކިވަކި ސިފައިންނާއި ފުލުހުން މަޖިލީހަށް ހާޒިރުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ލަފައެއް އެބައޮތް

03 ޖޫން 2021

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލާއިރު ވަކިވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނި އެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފައެއް އޮތްކަން ހާމަވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލާއިރު ވަކިވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނި އެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފައެއް އޮތްކަން ހާމަވެއްޖެ އެވެ.

އެ ލަފަޔަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ އޭރުގެ ޗީފް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު މަޖިލީހުގެ ގައުމީ ސަލާމާބެހޭ (241 ކޮމިޓީ) ކޮމިޓީއަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވާފައި ވާތީ މަޖިލީހުގެ އެދުމަށް ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި ދީފައިވާ ލަފައެކެވެ.

ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށާއި، ވަކިވަކި ސިފައިން ހާޒިރުވާން ލާޒިމުކުރާ، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނުވަތަ ނިންމުމެއް ނެތް ކަމަށް ސިފައިން މިއަދު އެކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. ދިފާއީ ކަންކަމުގައި މިނިސްޓްރީން ރައީސާއި މަޖިލީހަށް ޖަވާބުރާރީވާން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ އެކަމާ ބެހޭ ވަޒީރު ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށް ކަމަށް ގާނޫނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ވަކިވަކި ސިފައިން ހާޒިރުކޮށް ޖަވާބުދާރީވާން ޖެހޭ ނަމަ މުޅި ގައުމީ ސިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން ކުރިން ދީފައިވާ ލަފާގައި ބުނެފައިވަނީ 241 ކޮމިޓީ އަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ދީފައިވާ ކޮމިޓީ ކަމަށް ވާތީ ސިފައިންނާއި ފުލުހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރޭގައިތޯ ޔަގީންކުރުމަކީ 241 ކޮމިޓީގެ ޒިންމާއެއްކަން ވެސް ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ހ. އަދި ށ. އިން އެނގޭ ކަމަށް ވެސް އެ ލަފާގައިވެ އެވެ.

ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށް ވެފައި ކޮންމެ ވަޒީރަކު މަޖިލީހަށް ޖަވާބުދާރީވާން ގާނޫނުއަސާސީން ލާޒިމްކޮށްފައި ވުމީ ސަރުކާރުގެ އެހެން އިދާރާތަކާއި ސަރުކާރުގެ މަގާމެއްގައި ހުރި ކޮންމެ މީހަކު ވެސް ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ޖަވާބުދާރީވުން ނަފީކުރާ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އޭރު ބުނެފައިވެ އެވެ.

އެ ލަފާގައިވާ ގޮތުން، މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެ ޖަވާބުދާރީވާން އެންގުމާއި ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީގެ 98 އަދި 99 ވަނަ މާއްދާގެ ދަށުން މަޖިލީހާއި އެތަނުގެ ކޮމިޓީތަކަށް އޮތް ދުސްތޫރީ މަސްއޫލިއްޔަތެކެވެ.

މި ކަންކަމުގެ އިތުރުން މަޖިލީހައި އެތަނުގެ ކޮމިޓީތަކަށް ހާޒިރުވެ އެތަނުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމާއި ބޭނުންވާ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކޮންމެ މީހަކާ ކުރާ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ތެދު ބަހަކުން ޖަވާބުދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނާތީއާ އެކު "މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބާރު ހިނގާނެ" ކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހާމަކުރުމަކީ ކުށަކަށް ވާތީ އާއި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތްކުރުމުގެ އިހުތިޔާރު ސިފައިންގެ އާއްމު ގަވައިދުގައި ވެސް މަނާ ކަމަކަށް ވާތީ ވަކިވަކި ސިފައިން މަޖިލީޙަށް ނުފޮނުވަން ނިންމީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ލަފައާ އެއްގޮތަށެވެ.