Roadha Mihaaru
ކެތްތެރިކަން ކޮޅުންލުމުން މަގުމައްޗަށް

ކެތްތެރިކަން ކޮޅުންލުމުން މަގުމައްޗަށް

02 މާޗް 2018

އެތައް ސަތޭކަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް ފުލުހުން އައިސް އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސުމުން ވެސް ސަރަހައްދު ދޫކޮށްނުދިޔަ އެކަކު ހުއްޓެވެ؛ ރައިޓް ގިޔަރުގައި ތިބި ފުލުހުންގެ ކުރިމަތީގައި ބަސްބުނަން ހުރީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި އަބްދުއްރަޝީދު އިބްރާހިމް އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެތައް ސަތޭކަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް ފުލުހުން އައިސް އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސުމުން ވެސް ސަރަހައްދު ދޫކޮށްނުދިޔަ އެކަކު ހުއްޓެވެ؛ ރައިޓް ގިޔަރުގައި ތިބި ފުލުހުންގެ ކުރިމަތީގައި ބަސްބުނަން ހުރީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި އަބްދުއްރަޝީދު އިބްރާހިމް އެވެ.

އަސާގަނޑެއްގެ އެހީގައި ހިނގާބިނގާވެ އުޅޭ، އދ. މާމިގިލީ އަބްދުއް ރަޝީދު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދިވެހި ދިދަ ހޫރަމުން، ޝުއޫރު ފާޅުކުރުމުގައި ހުއްޓެވެ.

މީގެ ކުރިން ދުވަހަކު ވެސް ސިޔާސީ މުޒާހަރާއެއްގައި އޭނާ ބައިވެރިއެއްނުވެ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަޕޯޓް ކުރާ އަދި ގާސިމްގެ ރަށަށް ނިސްބަތްވާ އަބްދުއް ރަޝީދު ގެންދިޔައީ ސިޔާސީ ހަރަކާތްތައް މީޑިއާ މެދުވެރިކޮށް ބަރާބަރަށް ބަލަމުންނެވެ.

އޭނާ ބުނިގޮތުގައި މިއަދު އޭނާ މުޒާހަރާއަށް ނުކުތީ ސަރުކާރުގެ އަމަލުތައް ހައްދު ފަހަނައަޅާ ދިއުމުން ގޭގައި އޮންނަން ކެތްނުވެގެންނެވެ.

އަބްދުއްރަޝީދު މިއަދުގެ މުޒާހަރާގައި ފުލުހުންނާ ދިމާއަށް ބަލަހައްޓައިގެން .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަބްދުއްރަޝީދު މިއަދުގެ މުޒާހަރާގައި ފުލުހުންނާ ދިމާއަށް ބަލަހައްޓައިގެން .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ނިކަމެތިންގެ ބައްޕައަކީ ގާސިމް އިބްރާހިމް. ނިކަމެތިންނަށް އެހީވާ މީހަކީ ގާސިމްވީމަ ގޭގައި ނޯވެވިގެން މި ނިކުތީ،" އުމުރުން 12 އަހަރުން ފެށިގެން ނުހިނގޭ އަބްދުއްރަޝީދު ބުންޏެވެ.

މާމިގިލީގައި ދިރިއުޅެމުން އަންނަ އަބްދުއް ރަޝީދު ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ 2000 ރުފިޔާއިން އޭނާގެ ހަރަދުތައް ފޫނުބެއްދޭ ކަމަށެވެ. މީގެ ކުރިން މާލީ ގޮތުން އޭނާއަށް މުޅިން ވެސް އެހީތެރިވަމުން ގެންދިޔައީ ގާސިމް އެވެ.

ގާސިމަށް ކޮށްފައިވާ ހުކުމާ ގުޅިގެން ރާއްޖެ އިން ބޭރުގައި އުޅުއްވާތީ އޭނާގެ ފަރާތުން މާލީ އެހީތެރިކަން ނުލިބޭތީ އަބްދުއްރަޝީދު މިހާރު ސަލާން ޖަހަން ވެސް ނުކުމެ އެވެ. އޭނާ ބުނާ ގޮތުގައި އެހާލަތަށް ވެއްޓުނީ ގާސިމަށް ނުހައްގުން ދީފައިވާ އަދަބުގެ ސަބަބުންނެވެ.

ސޯޝަލް މީޑިއާގައި އަބްދުއްރަޝީދުގެ ހިތްވަރަށް އެތައް ބަޔަކު ތަރުހީބެއް ދެމުން އަންނައިރު އޭނާ އަދިވެސް ހުރީ މުޒާހަރާތަކާ އެކު ކުރިއަށް ދާ ގޮތަށެވެ. އޭނާ ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުންނާ އޭނާ އިސްވެ ހުރެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ވެސް ބޭނުމެވެ.

"ނިކަމެތިކޮށް އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުން ޕިކަޕު ބުރަކަށް ނުކުންނާނީ. ޕިކަޕު ބުރު ފަށާނީ ރައީސް އޮފީސް ކައިރިން،" އަބްދުއްރަޝީދުގެ ޕްލޭން ކިޔައިދެމުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ސަރަހައްދުން ފޮނުވާލި އިރު ވެސް ފުލުހުން އޭނާގެ ގަޔަކު އަތެއް ނުލަ އެވެ. އެހެންކަމުން ބައެއް ފޮޓޯތަކުން އޭނާ ފެނުނީ މަގު މެދުގައި، ފުލުހުންނާ ކުރިމަތިލައިގެން ހުރި ހަމައެކަނި ބައިވެރިޔާގެ ގޮތުގަ އެވެ. އޭނާ އެހެން މީހުންނަށް ބުނެ އެދިނީ އެކަނިވިޔަސް އަޑުއުފުލާނެ ކަމެވެ.