Roadha Mihaaru
ގާސިމްގެ ރަށުގައި އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް

ގާސިމްގެ ރަށުގައި އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް

10 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް، އދ. މާމިގިލީގައި އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް، އދ. މާމިގިލީގައި އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭގޮތަށް އުފައްދާފައިވާ ކޯލިޝަންގެ އިސް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ކޯލިޝަން ހެދި ފަހުން އިދިކޮޅު ޕާޓީއެއްގެ ޖަލްސާ މާމިގިލީގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ ދާއިރާގައި ޖަލްސާ ބާއްވާއިރު އޭނާ ހުންނެވީ ޖަރުމަނުގަ އެވެ. އެ ގައުމަށް އޭނާ ވަޑައިގަތީ، ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމުގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ.

ކުރިން ހަމަޖެހިފައި އޮތީ ރާއްޖޭގައި މި ވަގުތު ހުންނެވި އިދިކޮޅު ހަމައެކަނި ލީޑަރު ކަމަށްވާ މައުމޫން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދޭން އުޅޭ ކަމަށް ބުނެ ސެކިއުރިޓީ ވަރުގަދަކޮށް، އެންދެރިމާގޭގައި ސިފައިން ފޯރިމަރަން ފަށާފައިވާތީ މައުމޫން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް މާމިގިލީގައި ބާއްވަނީ އެ ރަށުގެ ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ. އެ ޖަލްސާ އަށް ބަނދަރު ސަރަހައްދު ސާފުކޮށް، ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސީ ވެސް ރައްޔިތުން ނިކުމެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ފޯރިގަދަ ޖަލްސާއަކަށް ވާނެ، ކައިރި ރަށްތަކުގެ ރައްޔިތުން ވެސް ޖަލްސާގައި ބައިވެރިވާނެ ކަން އަންގާފައި އޮތީ،" އަލީ ސޯލިހް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް މާމިގިލީގައި މި ބާއްވާނީ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކު ހޮވަން މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ބޭނުންވާއިރު، ވަކި ގޮތެއް އެ މަޝްވަރާތަކުން ނިމޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ހުރިހާ ޕާޓީތަކަކުން އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް އޮތީ ދީފަ އެވެ.