Roadha Mihaaru
އެނބޫދޫފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ގަންނަނީ

އެނބޫދޫފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ރިސޯޓު ގަންނަނީ

05 މާޗް 2018

މަތީ ފެންވަރު ރިސޯޓުތަކާއި ރީޓެއިލް ވިޔަފާރިއާއެކު ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން ގދ. ކޮނޮއްޓާ ރިސޯޓު ގަންނަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަތީ ފެންވަރު ރިސޯޓުތަކާއި ރީޓެއިލް ވިޔަފާރިއާއެކު ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓް ކުންފުނިން ގދ. ކޮނޮއްޓާ ރިސޯޓު ގަންނަން ނިންމައިފި އެވެ.

ސިންގަ އެސްޓޭޓްގެ ސަބްސިޑަރީ ކުންފުނި، ބޫން ރަޑް ބްރެވެރީ އިން ވަނީ ކޮނޮއްޓާ އެކު އައުޓްރިގާ އިން ހަތަރު ގައުމެއްގައި ހިންގާ ހަ ރިސޯޓެއް 250 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފަ އެވެ. އައުޓްރިގާ އަކީ އެމެރިކާގެ ހަވާއީގެ ކުންފުންޏެކެވެ.

"ކުންފުނިން ވަނީ ދުނިޔޭގެ މަޝްހޫރު މަންޒިލްތަކުގައި ހޮޓާ އަދި ރިސޯޓު ވިޔަފާރީގައި އިންވެސްޓްކުރަން ނިންމާފައި،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިންގަ އެސްޓޭޓުން ގަންނަން ނިންމާފައިވާ ފަސް ތަރީގެ ކޮނޮއްޓާގައި 53 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިލާތައް ވެސް ހިމެނޭ އިރު، 2015 ވަނަ އަހަރުގެ އޮގަސްޓު މަހު ހުޅުވި މި ރިސޯޓަކީ ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިސްޓުންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.

ސިންގަ އެސްޓޭޓުން "ކޮރޮސް ރޯޑްސް"ގެ ނަމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން 680 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ.

އެނބޫދޫފަޅުގައި މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.