Roadha Mihaaru
ޝާހްރުކްއަކީ އެންމެ ބަސް އަހާ އެކްޓަރު: އާނަންދު

ޝާހްރުކް ހާނަކީ އެންމެ ބަސް އަހާ އެކްޓަރު: އާނަންދު

06 މާޗް 2018

އެކުގައި މިހާތަނަށް މަސައްކަތް ކުރި އެކްޓަރުންގެ ތެރެއިން ޝާހްރުކް ހާނަކީ އެންމެ ބަސް އަހާ އަދި އެކުގައި މަސައްކަތްކޮށްލަން އެންމެ ފަސޭހަ އެކްޓަރު ކަމަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކުގައި މިހާތަނަށް މަސައްކަތް ކުރި އެކްޓަރުންގެ ތެރެއިން ޝާހްރުކް ހާނަކީ އެންމެ ބަސް އަހާ އަދި އެކުގައި މަސައްކަތްކޮށްލަން އެންމެ ފަސޭހަ އެކްޓަރު ކަމަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ ބުނެފި އެވެ.

އޭނާ މިހާރު އަންނަނީ ޝާހްރުކްއާ އެކީ ފިލްމް "ޒީޒޯ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމްގައި އޭނާ ކުޅެނީ ޑްވާފެއްގެ ރޯލެވެ.

"ވަރަށް ފަސޭހަ ޝާހްރުކްއާ އެކީ މަސައްކަތް ކުރަން. ކިތަންމެ ގިނަ ފިލްމްތަކެއް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައި ސްޕަސްޓާރެއްގެ ދަރަޖަ ލިބުނަސް، އޭނާއަކީ ކުޅެން ޖެހޭ ރޯލަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަދި ޑައިރެކްޓަރު ވިޝަނާ އެއްގޮތަށް ސީންތައް ޑެލިވަކޮށް ދޭން މަސައްކަތް ކުރާ އެކްޓަރެއް،" ރާންޖަނާ އާއި ތަނޫ ވެޑްސް މަނޫ ވެސް ގެނެސް އާނަންދު ބުންޏެވެ. "އޭނައަކީ ބޮޑާކަން ދެއްކުމެއް ނެތި، ވަރަށް ބަސް އަހައިގެން މަސައްކަތް ކުރާ ތަރިއެއް."

"ޒީރޯ" ގެ ސެޓްގައި ނެގި ފޮޓޯއެއް ޝާހްރުކް ހިއްސާކޮށްފައި.

އޭނާ ބުނީ "ޒީރޯ" އަކީ ޝާހްރުކްއާ އެކީ މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވިޔަސް، 52 އަހަރުގެ އެކްޓަރުގެ ޕްރޮފެޝަލްކަމުން މަސައްކަތް ވަރަށް ލުއި ކަމަށެވެ.

"މި ފިލްމަކީ ފުދޭ ވަރަކަށް މަސައްކަތް ބުރަ ފިލްމެއް. އެކަމަކު ވަރަށް ކެތްތެރިކަމާ އެކު ބުނާ ކޮންމެ އެއްޗެއް ވެސް އަޑު އަހައިގެން ޝާހްރުކް މަސައްކަތް ކުރަނީ،" އާނަންދު ބުންޏެވެ. "އަހަރެން ވަރަށް އުންމީދު ކުރަން މި ފިލްމަށް ފަހު ވެސް އޭނާއާ އެކު މަސައްކަތްކޮށްލަން ފުތުސަތުތަކެއް ލިބޭނެ ކަމަށް."

ކެޓްރީނާ ކެއިފާއި އަނުޝްކާ ޝަރްމާ ބަތަލާއިންގެ ރޯލުން ފެނިގެންދާ "ޒީރޯ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ގަ އެވެ.

މި ފިލްމްވެގެން ދާނީ 2012 ގައި ރިލީޒް ކުރި ޔާޝް ޗޯޕްޅާގެ "ޖަބްތަކް ހެ ޖާން" އަށް ފަހު ޝާހްރުކާއި އަނުޝްކާ އަދި ކެޓްރީނާ އެއް ފިލްމަކުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.