Roadha Mihaaru
ޝާހްރުކް ހާންގެ "ޒީރޯ" ގެ ޝޫޓިން ނިންމާލައިފި

ޝާހްރުކް ހާންގެ "ޒީރޯ" ގެ ޝޫޓިން ނިންމާލައިފި

28 ޖޫން 2018

ޝާކްރުކް ހާން ޑްވާފެއްގެ ރޯލް ކުޅޭ ފިލްމް "ޒީރޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާކްރުކް ހާން ޑްވާފެއްގެ ރޯލް ކުޅޭ ފިލްމް "ޒީރޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި އަހަރު އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ މި ފިލްމްގެ ފަހު ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދިޔައީ އެމެރިކާގަ އެވެ. އެގޮތުން އެމެރިކާގެ ނާސާގައި ވެސް "ޒީރޯ" ގެ މަންޒަރުތަކެއް ނަގާފައިވެ އެވެ.

ބަތަލާ އަނުޝްކާ ޝަރްމާ، ޝާހްރުކާއި ޑައިރެކްޓަރު އާނަންދް އެލް ރާއީއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ޓްވިޓާގައި ބުނީ "ޒީރޯ" ޝޫޓިން ނިންމައިލި އިރު، ވަރުގަދަ ޓީމަކާ އެކު މަސައްކަތްކޮށްލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ފިލްމްވެގެން ދާނީ ވަރަށް ވެސް ހާއްސަ ފިލްމަކަށް ކަމަށް ވެސް ބުންޏެވެ. "ޒީރޯ" އަކީ ޝާހްރުކާ އެކު އަނުޝްކާ ފެނިގެންދާ ހަތަރު ވަނަ ފިލްމެވެ. ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނީ މިދިޔަ އަހަރު ރިލީޒް ކުރި "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.

އަނުޝްކާގެ ޓްވީޓް.

އަނުޝްކާ ބޮލީވުޑަށް ތައާރަފުވީ ޝާހްރުކާ އެކު 2008 ގައި ފިލްމް "ރަބް ނެ ބަނާދީ ޖޯޅީ" އިންނެވެ. އޭގެ ފަހުން 2012 ގެ "ޖަބް ތަކް ތެ ހާން" ގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ.

"ޒީރޯ" ގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް ވެސް ހިމެނެ އެވެ. އެހެންވެ މި ފިލްމްވެގެން ދާނީ "ޖަބް ތަކް ހެ ޖާން" ގެ މައިގަނޑު ކާސްޓުން އަލުން ސްކްރީނުން ފެނިގެން ދާނެ ފިލްމަކަށެވެ.

ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޒީރޯ" ގެ ޓީޒާ ޓްރެއިލާ ވަނީ މިދިޔަ ފިތުރު އީދާ ދިމާކޮށް ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އެ ޓީޒާގައި ޝާހްރުކާ އެކު ސަލްމާން ހާން ވެސް ފެނިގެން ދެ އެވެ.

މި ފިލްމްގެ ހާއްސަ ފެނިލުމެއްގައި ސަލްމާން ހިމެނޭ އިރު، ޝާހްރުކާ އެކު ފިލްމް ކުޅުނު ވަރަށް ގިނަ ބަތަލާއިން މެހުމާނުންގެ ގޮތުގައި ފިލްމުން ފެނިގެން ދާނެ އެވެ.

"ޒީރޯ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާން" ފަހު އާނަންދް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

އަނުޝްކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެން ދާނީ މާދަމާ ރިލީޒް ކުރާ "ސަންޖޫ" އެވެ. އަދި ސެޕްޓެމްބަރު 28 ގައި އޭނާގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ވެސް ރިލީޒް ކުރާނެ އެވެ.

ޝާހްރުކް ދެން މަސައްކަތް ފަށާނީ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ބައޮޕިކް "ސެލިއުޓް" ގެ މަސައްކަތެވެ. މިއީ އަންނަ އަހަރު ރިލީޒް ކުރާނެ ބެލެވޭ ފިލްމެކެވެ.