Roadha Mihaaru
"ޒީރޯ"ގެ ޓްރެއިލާ އަށް ސަތޭކަ

"ޒީރޯ"ގެ ޓްރެއިލާ އަށް ސަތޭކަ

04 ނޮވެމްބަރ 2018

ޝާހްރުކް ހާންގެ އާ ފިލްމު "ޒީރޯ" ގެ ޓްރެއިލާ އޭނާގެ 53 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ހުކުރު ދުވަހު ދައްކައިލުމާ އެކު އޭގެ ޖާދޫގައި އެތައް ބަޔަކު ޖެހި، ފިލްމަށް ތައުރީފު އޮއްސަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ހާންގެ އާ ފިލްމު "ޒީރޯ" ގެ ޓްރެއިލާ އޭނާގެ 53 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ހުކުރު ދުވަހު ދައްކައިލުމާ އެކު އޭގެ ޖާދޫގައި އެތައް ބަޔަކު ޖެހި، ފިލްމަށް ތައުރީފު އޮއްސަން ފަށައިފި އެވެ.

"ތަނޫ ވެޑްސް މަނޫ" ފަދަ ކާމިޔާބު އަދި ރީތި ފިލްމުތަކެއް ގެނެސް ދިން އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިސްކޮޅުން ކުރު މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ޒީރޯ" ގައި ޝާހްރުކް ފެންނާނީ މީގެ ކުރިން އޭނާ ނުފެންނަ ކަހަލަ ވަރަށް ތަފާތު ރޯލަކުންނެވެ. އެއީ އިސްކޮޅުން ކުރު "ޑްވާފެއް" ގެ ގޮތުގަ އެވެ.

އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް ބަތަލާއިންގެ ރޯލުން ކުޅެފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ތަނޫ ވެޑްސް މަނޫ" ގެ އިތުރުން "ރާންޖަނާ" ވެސް ލިޔުނު ހިމާންޝޫ ޝަރްމާ އެވެ. "ޒީރޯ" ގެ އެންމެ ހާއްސަ ކަމަކީ މީހުންނާ ވަރަށް ގުޅޭ ކޮންސެޕްޓަކަށް ވާހަކަ ފައްކާކޮށްފައި އޮތުމެވެ.

ޝާހްރުކް "ޒީރޯ" ގެ ޓްރެއިލާ ޓްވީޓްކޮށްފައި.

ކުރުކޮށް ބުނާ ނަމަ މިއީ "އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން" ހަނދާންކޮށް ދޭނެ ފިލްމެކެވެ. "ޒީރޯ" ގައި ކިޔައި ދެނީ ފުރިހަމަ އިންސާނަކަށް ނުވުމާ އެކު ވެސް، ދިރިއުޅުމާ ކުރިމަތިލައި، ކާމިޔާބު ހޯދާ މީހެއްގެ އަސަރު ގަދަ ވާހަކަ އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ފިލްމުގައި އަނުޝްކާ ކުޅެފައި ވަނީ ނުކުޅެދޭ މީހެއްގެ ރޯލެވެ. އޭނާ ފެންނަނީ ވެސް ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހެއްގެ ގޮތުގަ އެވެ. އަދި ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ހުރެ އެވެ. އަނުޝްކާ ކުޅެފައިވާ ކެރެކްޓާގެ ނަމަކީ އާފިޔާ ޔޫސުފްޒާއީ އެވެ.

ކަރަން ޖޯހަރު "ޒީރޯ" އަށް ތައުރީފުކޮށްފައި.

ޓްރެއިލާގެ ޖާދޫގައި ޖެހުނު މީހުން މަޖަލަކަށް ހަދާފައި ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އަނުޝްކާގެ ކެރެކްޓާ އިން ހަނދާންކޮށް ދެނީ ދާދި ފަހުން މަރުވި އިނގިރޭސިވިލާތުގެ މަޝްހޫރު ސައިންޓިސްޓް ސްޓެފެން ހޯކިން ކަމަށެވެ.

"ޒީރޯ" އަށް ގްލެމާ އާއި ފަރިކަން ގެނުވައިދޭނެ މީހަކީ ކެޓްރީނާ އެވެ. އޭނާ ފިލްމުން ފެނިގެން ދާނީ މަޝްހޫރު އަދި އެހާމެ ގޮތްގަނޑު ބޮޑު ފިލްމީ ތަރިއެއްގެ ގޮތުގަ އެވެ. ނަމަކީ ބަބީތާ އެވެ.

ބައުއާ ސިންގް ކިޔާ ޑްވާފަކާއި ދެ އަންހެނުންގެ ވާހަކައާ އެކު ވެސް "ޒީރޯ" އިން ގެ ޓްރެެއިލާ އިން އަދި ބެލުންތެރިން ގެންގޮސް ނުދޭ ދިމާލެއް ވެސް އެބަ އޮތެވެ. މީގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކައިލި ގޮތަށް މިއީ ޖައްވީ ކަމަކާ ވެސް ގުޅުން ހުރި ފިލްމަކަށް ވާނެ އެވެ.

އާލިއާ ބަޓްގެ ޓްވީޓެއް.

އެގޮތުން "ޒީރޯ" ގެ ވަރަށް މުހިއްމު މަންޒަރުތަކެއް ވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި ވެސް ނަގައިފަ އެވެ. އެހެންވެ ފިލްމު ޖައްވާ ގުޅެނީ ކިހިނެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ވެސް މިހާރު މާ ބޮޑަށް ވެސް އިތުރުވެއްޖެ އެވެ.

އިންތިޒާރުކޮށްލަން ޖެހެނީ އަންނަ މަހުގެ 21 އަށެވެ. "ޒީރޯ" ގެ ޓްރެއިލާ ދައްކައިލުމާ އެކު، މުޅި ބޮލީވުޑްހެން ވަނީ ފިލްމަށް ތައުރީފުކޮށް ޓްވީޓްކޮށްފަ އެވެ. އަދި ވަރަށް ގިނަ ކްރިޓިކުންނާއި އެތައް އާންމުންނެއް ވަނީ މި ފިލްމުގެ ޓްރެއިލާގެ ޖާދޫގައި ވެސް ވަރަށް ބޮޑަށް ވެސް ޖެހިފަ އެވެ. އަދި މިއީ ސަތޭކައިގެ ފިލްމަކަށް ވާނެ ކަމަށް ހިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދެން އޮތީ ސިނަމާތަކަށް ފިލްމު ގެނެސްގެން ބޮކްސް އޮފީހުގައި ޝާހްރުކްގެ އިސްކޮޅަށް ވުރެ ދިގު ވިޔަފާރިއެއް ކުރެވިދާނެތޯ ބަލަން ތިބުމެވެ. ދުއިސައްތަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ "ޒީރޯ" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާނަންދުގެ ކަލާ ޔެލޯ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ދުއިސައްތަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ "ޒީރޯ" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާނަންދުގެ ކަލާ ޔެލޯ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ.