Roadha Mihaaru
ކަރަންގެ ޕާޓީއަށް ދިޔަ މީހުންނަށް ކޮވިޑް ޖެހިއްޖެ

ކަރަންގެ ޕާޓީ އަށް ދިޔަ 50 މީހުންނަށް ކޮވިޑް ޖެހިއްޖެ

06 ޖޫން 2022

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެއި 25 ގައި މުމްބާއީގެ ޔަޝް ރާޖް ފިލްމު ސްޓޫޑިއޯގައި ބޭއްވި އެ ހަފުލާގައި ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފާއި ޝާހްރުކް ހާން ފަދަ ތަރިން ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝާހު އާއި ކެޓްރީނާ އަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. މި ވަގުތު ޝާހު ކަރަންޓީނުގައި ހުރިއިރު ކެޓްރީނާގެ ކަރަންޓީނުގެ މުއްދަތު ނިމިފައިވާ ކަމަށްވެ އެވެ.

އެ ޕާޓީގައި ޝާހުގެ އަންހެނުން ގޯރީ ޚާން އާއި ކެޓްރީނާގެ ފިރިމީހާ ވިކީ ކޯޝަލް ވެސް ބައިވެރިވި އެވެ. އެކަމަކު އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެ އެވެ.

އެކްޓަރު ކާތިކް އާރިޔަން ވެސް މިފަހުން ވަނީ އޭނާ އަށް ކޮވިޑް ޖެހުނުކަން ސަޕޯޓަރުންނަށް އަންގައިފަ އެވެ. ކަރަންގެ ޕާޓީގައި ކާތިކް ބައިވެރި ނުވިޔަސް، އޭނާއާ އެކު ފިލްމު ޕްރޮމޯޝަންތަކުގައި އުޅުނީ އެ ޕާޓީގައި ބައިވެރިވި މީހުންނެވެ. އަދި ހަމަ އެ ޕާޓީގައި ބައިވެރިވި އެކްޓަރު އަދިތުޔާ ރޯއީ ކަޕޫރް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ ތަރިންގެ އިތުރުން، އެ ޕާޓީ އަށް ދިޔަ 50 ގެސްޓުންނަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި ބައެއް ނޫސްތަކުން އެ ޚަބަރު ދޮގުކޮށް ބުނީ ކަރަންގެ ޕާޓީ އޮތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ.

ކުލަގަދަކޮށް ބޭއްވި އެ ޕާޓީން އާންމުވި ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު ޕާޓީގެ ތެރޭގައި ގިނަ ބަޔަކު ގައިގޯޅިވެ އުޅުނު މަންޒަރު ފެނުނެވެ.