Roadha Mihaaru
"ޓްރިޕްލް އެކްސް" އަށް ދީޕިކާގެ ޝައުގެއް ނެތް

"ޓްރިޕްލް އެކްސް" ގެ އިތުރު ބަޔަކުން އިން ދީޕިކާ ޕަދްކޯން ނުފެންނާނެ

13 މާޗް 2018

މިދިޔަ އަހަރު ރިލީޒް ކުރި ދީޕިކާ ޕަދްކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ އޭނާގެ ފޭނުން އުންމީދު ކުރި ވަރުގެ ފިލްމެއް ނޫނެވެ. ހާއްސަކޮށް އިންޑިއާގައި ތިބި ދީޕިކާ ފޭނުންނަށް އެ ފިލްމް އެހާ ކަމުދާ އެއްޗަކަށް ނުވި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒް ކުރި ދީޕިކާ ޕަދްކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ އޭނާގެ ފޭނުން އުންމީދު ކުރި ވަރުގެ ފިލްމެއް ނޫނެވެ. ހާއްސަކޮށް އިންޑިއާގައި ތިބި ދީޕިކާ ފޭނުންނަށް އެ ފިލްމް އެހާ ކަމުދާ އެއްޗަކަށް ނުވި އެވެ.

އަނެއްކޮޅުން ޑީޖޭ ކަރޫސޯ ޑައިރެކްޓް ކުރި ފިލްމަކީ ބޮކްސް އޮފީހުގައި ވެސް މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އެކަމަކު "ޓްރިޕްލް އެކްސް" ގެ އިތުރު ބައެއް އުފައްދާނެކަން އިއުލާންކޮށް ވިން ޑީޒެލްއާ އެކު އަނެއްކާ ވެސް ދީޕިކާ ފެންނާނެ ކަމުގެ އިޝާރާތްތަކެއް ޑީޖޭ ދީފައިވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން އެ ފިލްމުން ދީޕިކާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ ދީޕިކާ އަށް ހޮލީވުޑްގައި ކުރިއަށް ދާން އިހުތިޔާރު ކުރެވުނު އެންމެ ރަނގަޅު ހޮވުމެއް ނޫނެވެ. އެ ފިލްމުން އޭނާގެ ކެރިއަރަށް އައި މާ ބޮޑު ކުރިއެރުމެއް ނެތުމުން "ޓްރިޕްލް އެކްސް" ގެ ކުރިއަށް އޮތް ފިލްމަށް އޭނާގެ އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ.

އެހެންވެ އޭގެ އިތުރު ބަޔަކުން އޭނާ ފެނުމަށް ވުރެ، މާ ބޮޑަށް ވެސް ގާތީ ނުފެނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެހާސް ފަނަރާގައި ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އަށް ފަހު، ދީޕިކާ 2016 އެއްކޮށް ކަހަލަ ގޮތަކަށް ހުސްކުރީ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަށެވެ. އެހެންވެ ހިންދީ އެއްވެސް ފިލްމެއްގައި މަސައްކަތް ކުރާނެ ފުރުސަތު ވެސް ނުލިބުނެވެ.

"ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަށް ފަހު ރިލީޒް ކުރި ދީޕިކާގެ ފުރަތަމަ ހިންދީ ފިލްމަކީ މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ބަންސާލީގެ "ޕަދްމާވަތު" އެވެ.

އެ ފިލްމަށް ފަހު ދީޕިކާ، 32، ސޮއިކޮށްފައި އޮތް ހަމައެކަނި ހިންދީ ފިލްމަކީ މާފިއާ ކްއީން ރަހީމާ ހާން (ސަޕްދާ ދީދީ) ގެ މައްޗަށް ބިނާކޮށް ހަދާ ވިޝާލް ބަރަދްވާޖްގެ ފިލްމެވެ. ނަމަވެސް ދީޕިކާ ބުރަކަށީގައި ރިއްސާތީ ދުވަސްކޮޅަކަށް އަރާމުކޮށްލަން ޖެހިގެންނާއި އިރްފާން ހާން ވެސް ބައްޔަކަށް ފަރުވާ ހޯދާތީ ފިލްމްގެ މަސައްކަތް ވަނީ ފަސްކޮށްފަ އެވެ.