Roadha Mihaaru
ސަންދޯކުގެ އަގު ބޮޑުނުކުރަންވެގެން ފަންޑު ފޮއްޓެއް

ސަންދޯކުގެ އަގު ބޮޑު ނުކުރަންވެގެން ފަންޑު ފޮއްޓެއް ބަހައްޓައިފި

13 މާޗް 2018

ކަށުކަމާކެމީގެ ކަންކަން ކޮށްދިނުމަށް އުފައްދާފައި އޮންނަ ޖަމިއްޔަތުއް ތައާވުންއަށް އެހީވާން ފަންޑު ފޮއްޓެއް އާ ސަހަރާގައި އިއްޔެ ހުޅުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކަށުކަމާކެމީގެ ކަންކަން ކޮށްދިނުމަށް އުފައްދާފައި އޮންނަ ޖަމިއްޔަތުއް ތައާވުންއަށް އެހީވާން ފަންޑު ފޮއްޓެއް އާ ސަހަރާގައި އިއްޔެ ހުޅުވައިފި އެވެ.

ހަމައެކަނި ތަކެތީގެ އަގަށް ވާ މިންވަރުގެ ފީއެއް ނަގައިގެން، ކަށުކަމާކެމީގެ ހިދުމަތް ދެމުން އަންނަ، އެ ޖަމިއްޔާ އިން އެ ފަންޑު ފޮށި ބެހެއްޓީ، ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ނުހޯދައިފި ނަމަ ސަންދޯކުގެ އަގު ބޮޑުވެދާނެތީ އެވެ.

ޖަމިއްޔަތުއް ތައާވުންގެ ރައީސް ޖައުފަރު އީސާ ވިދާޅުވީ މީގެ ކުރިން އެޖަމިއްޔާ އިން ފައިސާ ހޯދަމުން އައީ މެމްބަރުންގެ އަތުން ކޮންމެ މަހަކު ވެސް ޗަންދާ ނަގައިގެން ކަމަށެވެ. އެގޮތަށް މިހާރު އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭތީ ފަންޑު ފޮއްޓެއް ބެހެއްޓީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަންދޯއް ވިއްކާ އަގު ބޮޑުނުކުރަން ވެގެން ފަންޑު ފޮއްޓެއް މި ބެހެއްޓީ، ފަންޑަށް ލިބޭ ފައިސާއިން ސަންދޯއް އަގުބޮޑު ނުކޮށް ވާނެ ކަމަށް ގަބޫލްކުރެވެނީ،" ޖައުފަރު ވިދާޅުވި އެވެ.

ބޮޑު މީހެއްގެ ކަށުކަމާކެމީގެ ހުރިހާ ކަމަކަށް މިހާރު ނަގަނީ 900ރ. އާއި 1،200ރ. އާ ދެމެދުގެ އަގެކެވެ. ކުޑަކުދިންނަށް 50ރ. ނުވަތަ 100ރ. ނަގަ އެވެ. މިއީ ކަފުނާއި ކަފަ އާއި ސަންދޯކާއި ވަޅަށް އަޅާނެ ވެއްޔާއި ވެލި ބާލީހާއި ދެން ވެސް މިކަމަށް ބޭނުންވާ ހުރިހާ އެއްޗަކަށް ނަގާ އަގެވެ. ފައިސާގެ ތަނަވަސްކަން ނެތް ނަމަ އަގެއް ނުވެސް ނަގަ އެވެ.

ތައުވާނުން މި އަގުގައި އެކަން ކޮށްދިނަސް، ސަންދޯކެއް ޖަހަން 1،800ރ ވަރު ހޭދަވެ އެވެ. އެކަމަކު މައްޔިތާގެ އާއިލާއިން ކުރަން ޖެހޭ ހޭދަ ކުޑަވަނީ ހެޔޮއެދޭ ފަރާތްތަކުގެ މާލީ އެހީތެރިކަމާ ހެދި އެވެ.