Roadha Mihaaru
ކަށުނަމާދު ޕޭޖު ހުއްޓާލުމުގެ ވިސްނުމެއް ނެތް!

ކަށުނަމާދު ޕޭޖު ހިންގަނީ ރަޖިސްޓްރީ ކޮށްގެން، ހުއްޓާލުމުގެ ވިސްނުމެއް ނެތް: މުނައްވަރު

21 ޑިސެމްބަރ 2022

ރާއްޖޭގައި މަރުވާ މީހުންގެ މައުލޫމާތާއި ކަށުނަމާދު ގަޑިތައް ޝާއިއުކުރަމުން އަންނަ "ކަށުނަމާދު" ފޭސްބުކް ޕޭޖާއި ވައިބަ ގުރޫޕު ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރަޖިސްޓްރީކޮށްގެން ހިންގާ ޕޭޖެއް ކަމަށް އެ ޕޭޖު ހިންގާ އަހުމަދު މުނައްވަރު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި މަރުވާ މީހުންގެ މައުލޫމާތާއި ކަށުނަމާދު ގަޑިތައް ޝާއިއުކުރަމުން އަންނަ "ކަށުނަމާދު" ފޭސްބުކް ޕޭޖާއި ވައިބަ ގުރޫޕު ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރަޖިސްޓްރީކޮށްގެން ހިންގާ ޕޭޖެއް ކަމަށް އެ ޕޭޖު ހިންގާ އަހުމަދު މުނައްވަރު ބުނެފި އެވެ.

އެ ޕޭޖު ހިންގުން ހުއްޓާލަން މާލެ ސިޓީ ކައުންސިލުން މުނައްވަރަށް ހޯމަ ދުވަހު އަންގާފައިވާ ކަމަށް މުނައްވަރު ވަނީ ބުނެފަ އެވެ. ނަމަވެސް ކައުންސިލުން ބުނީ އެހެން ނާންގާ ކަމަށެވެ. އިއްޔެ ކައުންސިލުން ވަނީ ކަށުނަމާދު މައުލޫމާތު އާންމުކުރަން ޕޭޖެއް ހިންގަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުނައްވަރު މިއަދު "މިހާރު" އަށް ބުނީ އެެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ޕޭޖެއް ކަމަަށާއި ސިޓީ ކައުންސިލުން އެންގި ނަމަވެސް ޕޭޖު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

މައްސަލަ ބޮޑުވުމުން މުނައްވަރު ވަނީ ފޭސްބުކު ޕޭޖު ހިންގުމުގެ ރަޖިސްޓްރީ ވެސް އާންމުކޮށްފަ އެވެ. ކަށުނަމާދު އެމްވީގެ ނަމުގައި އެ ޕޭޖު އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓާ ކޮށްދީފައި ވަނީ "ފަސްޓް މަދަދު އިންވެސްޓްމެންޓް"ގެ ނަމުގައި 2016 ވަނަ އަހަރު އެވެ.

ސިޓީ ކައުންސިލާއި މުނައްވަރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އާ ސަހަރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މުނައްވަރަށް ކޮށްފައިވާ ތުހުމަތުތަކެއްގެ މައްސަލަ ބަލާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. މުނައްވަރު އާ ސަހަރާގައި ދިރިއުޅޭ ކަމަށާއި މުވައްޒަފުންނަށް ފުރައްސާރަކުރާ ކަމަށާއި ކޮރަޕްޝަނަށް ހިންގާ ކަމަށް ތުހުމަތުކުރި ނަމަވެސް މުނައްވަރު ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

"އެ ތަނުގެ ސްޓާފުން އެބަހުރި އެފަދަ ޝަކުވާތަކެއް ކޮށްފައި. އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާ ކަހަލަ ކަމެއް ސާބިތުވާ ނަމަ އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާނެ،" ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.

ޕޭޖު މެދުވެރިކޮށް ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ޕޭޖުގެ ފޮލޯވަރުންގެ އަދަދު 70،000 އަށް ވުރެ ގިނަ އެވެ. އޭގެ ކުރިން ވައިބަ ގްރޫޕަކުން އޭނާ އައީ ކަށުނަމާދުގެ މައުލޫމާތު އާންމުކުރަމުންނެވެ.

މުނައްވަރު، ކަށުނަމާދުގެ މައުލޫމާތު އާންމުކުރާތާ މިހާރު 17 ވަރަކަށް އަހަރުވެދާނެ ކަމަށް އޭނާ ބުންޏެވެ.