Roadha Mihaaru
އާއިލާގެ މީހަކު މަރުވި ކަމަށް ބުނެ ދޮގުމައުލޫމާތު ދީފި

އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ ކަށުނަމާދު ގްރޫޕަށް ދޮގު މައުލޫމާތު ދީފި

09 ޖެނުއަރީ 2020

އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ، ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ފޭސްބުކް ޕޭޖަށް މީހަކު ރޭ ދޮގު މައުލޫމާތު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ، ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ފޭސްބުކް ޕޭޖަށް މީހަކު ރޭ ދޮގު މައުލޫމާތު ދީފި އެވެ.

"ކަށުނަމާދުޑޮޓްއެމްވީ" ގެ ނަމުގައި އެ ޕޭޖް ހިންގާ އަހުމަދު މުނައްވަރު ބުނީ އުމުރުން 27 އަހަރުގެ އަންހެނަކު މަރުވެގެން ރޭގެ ފަތިސް ނަމާދަށް ފަހު، ކަށުނަމާދަށް އިއުލާން ކޮށްދިނުމަށް އެދި ދަންވަރު 12:00 ހާއިރު އަންހެނަކު މެސެޖު ކުރި ކަމަށެވެ. އެ އަންހެން މީހާ ދިން މައުލޫމާތުތަކަށް ފަހު 12:10 ހާއިރު ފޭސްބުކުގައި ޕޯސްޓް ޖެހި ނަމަވެސް ތިން މިނެޓުގެ ތެރޭގައި ވަނީ އެ ޑިލީޓް ކޮށްފަ އެވެ. އެއީ، ދޮގު މައުލޫމާތެއް ކަން އެހެން މީހަކު ކަށަވަރު ކޮށްދިނުމުންނެވެ.

އެ މައުލޫމާތު ދިން އަންހެން މީހާ ވަނީ، މަރުވި ކަމަށް ބުނި އަންހެން މީހާގެ ފޮޓޯ ވެސް ފޮނުވައިފަ އެވެ. އެހެންވެ، މުނައްވަރު އެ ޕޯސްޓް ޖެހީ ވެސް އަންހެން މީހާގެ ފޮޓޯއާ އެކު އެވެ.

މަރުވި މީހާގެ މައުލޫމާތު އެކަނި ހިއްސާ ކުރުމުން ވެސް، މީގެ ކުރިން ކަށުނަމާދު ގުރޫޕްގައި ޕޯސްޓް ޖަހައިދެ އެވެ. ނަމަވެސް މި ފަހަރު ކުރަން ޖެހުނު ތަޖުރިބާގެ އަލީގައި، މުނައްވަރު ބުނީ، ދެން އެ ޕޭޖު މެދުވެރިކޮށް، ކަށުނަމާދަށް އިއުލާން ކުރެވޭނީ މަރު ފޯމާއި މީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވުމުން ކަމަށެވެ.

"އެމީހާ ބުނީ އާއިލާ ކުއްޖެކޭ މިއީ. ފަތިސް ނަމާދަށޭ ވަޅުލަނީ. އެހެންވެ ޕޯސްޓް ހެދީ. ފޭސްބުކްގައި އެކަނި މި ޖެހުނީ. ޖެހިތާ ތިން މިނެޓު ތެރޭގައި މި އެނގުނީ ދޮގެއްކަން. އެހެންވެ ވަގުތުން ޑިލީޓުކޮށްލީ،" 50،000 އަށް ވުރެ ގިނަ މީހުން ލައިކް ދީފައިވާ ޕޭޖާ ގުޅޭގޮތުން މުނައްވަރު ބުންޏެވެ.

"ވަރަށް ދެރަ ކަންކަން މި ހުންނަނީ. ޕޭޖް ހިންގާތާ ހަ އަހަރު ވީ. މި ޒާތުގެ ކަމެއް ނުކުރޭ،"

އޭނާ ބުނިގޮތުގައި، މަރުވި ކަމަށް ބުނާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާ ވެސް ފަހުން މެސެޖުކުރި އެވެ. އަދި އަންހެންގެ އެއްވެސް ބައްޔެއް ނެތް ކަމަށް ވެސް އެ ފިރިހެން މީހާއާ ހަވާލާދީ މުނައްވަރު ބުންޏެވެ.

މަރުވި ކަމަށް ބުނެ މައުލޫމާތުު ދިން އަންހެން މީހާ ވަނީ، ކަށުނަމާދު ޕޯސްޓް ހެދުމަށް ފަހު، ޕޭސްބުކް އެހެން އައިޑީއަކަށް އެ ޕޯސްޓް ފޮނުވައި ދިނުމަށް އެދިފަ އެވެ. ފަހުން އެނގުނު ގޮތުގައި އެ އަންހެން މީހާ ދިނީ، މަރުވި ކަމަށް ބުނާ އަންހެން މީހާގެ ފިރިމީހާގެ ފޭސްބުކް އެކައުންޓެވެ.

ކަށުނަމާދު ޕޭޖުގައި ހުންނަ ޕޯސްޓުތައް ބޭނުންކޮށްގެން ޓިކްޓޮކް ހަދާފައި ވެސް ހުންނަ ކަމަށް މުނައްވަރު ބުންޏެވެ. އޭނާ ވަނީ އެފަދަ ކަންތައްތައް ނުކުރުމަށް އެދިފަ އެވެ.

"ކޮންމެ ވަގުތަކު އެދުނަސް ޕޯސްޓް ހަދައިދެން ކޮންމެ ބޭފުޅަކަށް ވެސް. ވަރަށް ވަގުތު މިއީ. އެހެންވީމާ މަގުސަދު ގެއްލުވާލާކަށް ނުވާނެއްނު،" މުނައްވަރު ބުންޏެވެ.