Roadha Mihaaru

ޔުނިފޯމުގައި ތިބެ ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް؛ އެއީ ފުލުހުންތޯ ޔަގީންކުރަނީ

15 މާޗް 2018

ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަން، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވަރުގަދަ އިންޒާރުތަކެއް ދޭ ވީޑިއޯއެއް ރޭ އާއްމުވެއްޖެ އެވެ. ޔޫޓިއުބްގައި އަޕްލޯޑުކޮށްފައިވާ އެ ވީޑިއޯގައި އިންޒާރު ދިނީ، ފުލުހުންތޯ އެ މުއައްސަސާ އިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަން، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވަރުގަދަ އިންޒާރުތަކެއް ދޭ ވީޑިއޯއެއް ރޭ އާއްމުވެއްޖެ އެވެ. ޔޫޓިއުބްގައި އަޕްލޯޑުކޮށްފައިވާ އެ ވީޑިއޯގައި އިންޒާރު ދިނީ، ފުލުހުންތޯ އެ މުއައްސަސާ އިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ، ޔުނިފޯމުގައި ތިބި ނަމަވެސް މިހާތަނަށް އެއީ ފުލުހުން ކަމެއް ޔަގީން ނުވާ ކަމަށެވެ.

އެ ވީޑީއޯ އިން ފެންނަނީ، ފުލުހުންގެ ކޮމްބެޓް ޔުނިފޯމުގައި މޫނު ނިވާކޮށްގެން ތިބި ތިން މީހެކެވެ. ފުލުހުންގެ ނަމުގައި ވާހަކަ ދައްކަމުން ބުނީ އެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހައެއް ކަމަށް ހީވާ ދަރަޖަ އަށް ކަންކަން ހިނގައްޖެ ކަމަށެވެ. ރައްޔިތުންނަށް، ފުލުހުން އަންގަންޖެހޭ ކަންކަން ފުރަތަމަ އަންގަމުން ދަނީ، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ކަމަށް ވެސް އެ ވީޑިއޯގައި ބުނެ އެވެ.

އެ ބޭފުޅުން އެ ގޮތަށް އަމަލުކުރެއްވުމުން ހުއްޓާލައްވަން އިންޒާރުދީ، ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނެ އެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް.

ފުލުހުންގެ ނަމުގައި ޝިފާން ވާހަކަތައް އާއްމުކުރައްވަނީ، ނިހާން އާއި އަބްދުއްރަހީމް އަށް ފަހުގައި ކަން ވެސް ވީޑީއޯގައި ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން، އޮތީ އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންނަށް ތިޔަ ކުރަމުން އަންނަ ޣައިރު ގާނޫނީ އަމުރުތަކަށް ލައްކަ ދުވަހު ކެތްތެރިވެއްޖެއޭ. ފެބުރުއަރީ 7 ގައި އަޅުގަނޑުމެން ނިކުތީ މުއައްސަސާގެ ދިފާއުގައި. މިހާރު ވެސް އަޅުގަނޑުމެން މުއައްސަސާގެ ދިފާއުގައި ނިކުންނާނަން،" އެ ވީޑިއޯގައި ބުނެ އެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި ނުކުންނާނަން. އަޅުގަނޑުމެން ސިޔާސީ ކުރުވަން މަސައްކަތް ނުކުރާތި. އަޅުގަނޑުމެން ބޯލަނބަން ޖެހޭ އެއްވެސް ސިޔާސީ ކުލައެއް ނޯންނާނެ."

ފުލުހުންނަށް ޣައިރު ގާނޫނީ އަމަލުކުރުން މާޗް މަހުގެ ނިޔަލަށް ހުއްޓާލުމަށް އެ ވީޑިއޯގައި ސަރުކާރަށް އިންޒާރު ދީފައިވެ އެވެ. އަދި ރައްޔިތުންނަށް އަނިޔާކުރަން ފުލުހުންނަށް ކުރަމުންދާ އަމުރުތައް ހުއްޓާލުމަށް ވެސް އަޑުހަރުކޮށް އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ އިންޒާރު ދިނެވެ.

"ގާނޫނުއަސާސީ އަށް ރުޖޫއަ ނުވެއްޖެ ނަމަ، އޭޕްރީލް 1 ގައި، މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން،" ވީޑީއޯގައި ވާހަކަ ދައްކާ މީހާ ބުންޏެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން ޝިފާން އެއްވެސް އެއްޗެއް ވިދާޅުވެއްޖެ ނަމަ، ބުނާ ހިސާބުން ވީޑިއޯ ނިމެ އެވެ. އެހެންވެ، ޝިފާންއާ ގުޅުވައިގެން ބުނަން އުޅުނު ވާހަކައެއް ސާފެއް ނޫނެވެ.