Roadha Mihaaru
އިތުރު ފަސް ރަށަކުން 13 ކައުންސިލަރަކު ސަސްޕެންޑް

އިތުރު ފަސް ރަށަކުން 13 ކައުންސިލަރުން ސަސްޕެންޑްކޮށްފި

18 މާޗް 2018

އައްޑޫގެ އިތުރުން ފަސް ރަށެއްގެ 13 ކައުންސިލަރަކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައްޑޫގެ އިތުރުން ފަސް ރަށެއްގެ 13 ކައުންސިލަރަކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރި ކަމަށް އަންގައި އެލްޖީއޭން މިއަދު ސިޓީ ފޮނުވާފައިވަނީ ހއ. ދިއްދު އާއި ބ. ތުޅާދު އާއި އެ އަތޮޅު ކަމަދޫ އަދި ލ. އިސްދޫގެ އިތުރުން ލ. މާމެންދޫ ކައުންސިލަށެވެ. އެ ކައުންސިލްތަކުން ޖުމްލަ 13 ކައުންސިލަރެއް މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެލްޖީއޭ އިން ވަނީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގުގެ އިތުރުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްގެ އިތުރުން އިތުރު ދެ މެމްބަރަކު ވެސް ސަސްޕެންޑްކޮށްފަ އެވެ.

އެލްޖީއޭއިން ސަސްޕެންޑް މި ކުރީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލެއްވި ކައުންސިލްތަކުގެ ބައެއް ކައުންސިލަރުންނެވެ.

ކައުންސިލްތަކަށް އެލްޖީއޭއިން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެތަން ތަނުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައި ވެ އެވެ.

އެލްޖީއޭ އިން ވަނީ މި ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ކޯޓަށް ހުށަހަޅައިގެން ކައުންސިލްތައް އުވާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.