Roadha Mihaaru
އިހަވަންދޫ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި

އިހަވަންދޫ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި

01 ފެބުރުއަރީ 2018

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގައި ބޭއްވި ހަރަކާތުގައި އެ ރަށު ކައުންސިލުން އަމަލު ކޮށްފައިވަނީ ސަރުކާރު ބަދުނާމުވާ ގޮތަށް ކަމަށް ބުނެ އެ ކައުންސިލްގެ ފަސް މެމްބަރުން ތިން މަހަށް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގައި ބޭއްވި ހަރަކާތުގައި އެ ރަށު ކައުންސިލުން އަމަލު ކޮށްފައިވަނީ ސަރުކާރު ބަދުނާމުވާ ގޮތަށް ކަމަށް ބުނެ އެ ކައުންސިލްގެ ފަސް މެމްބަރުން ތިން މަހަށް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ޝަފީގު މަހުމޫދު ސޮއި ކުރައްވައި، އިހަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގައި ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބެހެއްޓީ މުޖުތަމައުގެ ހަމަޖެހުން ގެއްލިދާ ގޮތަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ބެލުމަށް ފަހު، އެ މެމްބަރުން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އިހަވަންދޫގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގައި މިދިޔަ މަހު ބޭއްވި ހަރަކާތްތަކަށް އެ ރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. އިހަވަންދޫ މަސްވެރިންނަށް ލިބެން އޮތް ރީތިކަމަކާއި ފަޚުރެއް، ކައުންސިލުން ހަޑިކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އެކަމަކު އެ ތުހުމަތުތައް ކައުންސިލުން ވަނީ ދޮޮގުކޮށްފަ އެވެ.

އެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކުރިން ވިދާޅުވީ މަސްވެރިންގެ ދުވަހަށް އިހަވަންދޫ ޒީނަތްތެރިކޮށް އެހެން އިންތިޒާމުތައް ވެސް ހަމަޖެއްސީ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެންމެން ނުކުމެ ކަމަށެވެ. އެކަމަކު ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރަމުން އައި އެ މަސައްކަތް ފެއިލްވީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ބަޔަކު ނުކުމެ، ރަށު ތެރޭގައި ފިޔާތޮށި ކުލައިގެ ފޮތި ދަމަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްޖީއޭ އިން ބުނީ ސަސްޕެންޑް ކޮށްފައިވާ މުއްދަތުގެ ތެރޭގައި، ފަރުދީ ހައިސިއްޔަތުން ހިދުމަތެއް ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުުވުމާއި ލިއެކިއުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސަސްޕެންޑް ކޮށްފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލް ހިންގާނީ ޒިންމާދާރުވެރިޔާ ނުވަތަ އެ މަސްއޫލިއްޔަތަކާ ހަވާލުވެހުރި ބޭފުޅަކު ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ގއ. އަތޮޅު ކައުންސިލް އިދާރާގެ ތިން ކައުންސިލަރުން ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ތިން މަހަށް ސަސްޕެންޑް ކޮށްފަ އެވެ.