Roadha Mihaaru
މަތީ ތައުލީމުގެ ސްކޮލަޝިޕް 857 ދަރިވަރަކަށް

މަތީ ތައުލީމުގެ ސްކޮލަޝިިޕް 800 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފި

20 މާޗް 2018

މަތީ ތައުލީމް ހާސިލް ކުރަން ސަރުކާރުން ހުޅުވާލާފައިވާ 2050 ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް މިހާތަނަށް 800 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލް ކުރަން ސަރުކާރުން ހުޅުވާލާފައިވާ 2050 ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް މިހާތަނަށް 800 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން ބުނީ މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 1،306 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 1،176 ފޯމް ޗެކް ކޮށްފައިވާއިރު، އޭގެ ތެރެއިން ޝަރުތުތައް ހަަމަވެ ސްކޮލަޝިޕް ދީފައި ވަނީ 857 ދަރިވަރަކަށެވެ.

އެ ސްކޮލަޝިޕް ދޭން ހަމަޖައްސާފައި ވަނީ 2050 ދަރިވަރުންނަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ނިޔަލަށް އެ ފުރުސަތަށް ކުރިމަތިލެވޭނެ އެވެ.

ރާއްޖޭގައި ތިބެގެން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ކިޔެވުމަށް ހުޅުވާލި އެ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ މައިގަނޑު 10 ދާއިރާއަކުންނެވެ. އެގޮތުން އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓްސް އެންޑް ހިއުމިނިޓީޒް އަދި ބިޒްނަސް އާއި އެޑްމިނިސްޓްރޭޝަން އެންޑްގެ ލޯގެ ކޯސްތަަށް ކަން ވެސް ޑީއެޗްއީން ފާހަގަކުރި އެވެ.

ހަޔަ އެޑިއުކޭޝަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ކުރިން ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސްކޮލަޝިޕުން ދަރިވަރުން ކިޔަވައި ނިމޭ އިރު، ވަޒީފާތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

ސަރުކާރުން 50 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން ދެމުން އަންނަ ސްކޮލަޝިޕް ފުރުސަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޑީއެޗްއީން ބުންޏެވެ.