Roadha Mihaaru
ޑީބަލާ ރެއާލަށް، މާޝިއަލް ޔުވެންޓަސް އަށް؟

ޑީބަލާ ރެއާލަށް، މާޝިއަލް ޔުވެންޓަސް އަށް؟

21 މާޗް 2018

ޓިއުރިން (މާޗް 21) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮޮލޯ ޑީބަލާ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށާއި އޭނާގެ ބަދަލުގައި ޔުވެންޓަސް އިން ގެންނަން މަސައްކަތްކުރަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ވިންގް އެންތަނީ މާޝިއަލް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މާޗް 21) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮޮލޯ ޑީބަލާ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށާއި އޭނާގެ ބަދަލުގައި ޔުވެންޓަސް އިން ގެންނަން މަސައްކަތްކުރަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ވިންގް އެންތަނީ މާޝިއަލް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ޑީބަލާ އާއި އޭނާގެ އޭޖެންޓް ގުސްޓާވޯ ވަނީ ރެއާލުގެ އޮފިޝަލުންތަކަކާ މެޑްރިޑްގައި ބައްދަލުކޮށްފަ އެވެ. އުމުރުން 24 އަހަރުގެ ޑީބަލާ އަކީ ރެއާލުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާއިރު ބޭނުންވާ ކުޅުންތެރިޔެކެވެ. ޔުވެންޓަސް އިން ވަނީ މި ސީޒަން ފެށުމުގެ ކުރިން ވެސް ޑީބަލާ އަށް ޔޫރަޕްގެ ނަން މަޝްހޫރު ބޮޑު ކްލަބަކުން ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށް ބުނެފަ އެވެ.

ޑީބަލާ ހޯދުމުގެ ރޭހުގައި ރެއާލުގެ އިތުރުން ދެން އުޅެނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އެވެ. ސިޓީން ރެއާލަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ދެން މަސައްކަތް ފަށާނީ ޑީބަލާ ގެންނާށެވެ. ޔުވެންޓަސް އިން ބޭނުންނަމަ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ޑީބަލާއާ ބަދަލުކުރަން ސިޓީން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޔުވެންޓަސް އިން ޑީބަލާ ވިއްކާލައިފިނަމަ އެ ޓީމުން އެ މަގާމަށް ދެން ގެންނަން ބޭނުންވަނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ގިނައިން ނުލިބޭތީ މާޝިއަލް އަށް ފްރާންސް ޓީމުގެ ޖާގައެއް ލިބުމުގައި ވަނީ ދަތިތަކެއް ދިމާވެފަ އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވެސް ދާދި ފަހުން ބުނީ ގައުމީ ޓީމަށް ނަގާނީ ކްލަބްގައި ގިނައިން ކުޅޭ ކުޅުންތެރިން ކަމަށެވެ.

މާޝިއަލްގެ އޭޖެންޓް ފިލިޕޭ ލަމްބޯލޭ ދާދި ފަހުން ބުނީ އަންނަ ސީޒަނުގައި މާޝިއަލް ޔުނައިޓެޑުން ފެންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ކްލަބާ އެކު މަޝްވަރާ ނުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.