Roadha Mihaaru
ޔޫއެފާއިން ތިން ކްލަބު ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ

ސުޕަ ލީގުގެ ތިން ކްލަބު ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ

26 މެއި 2021

ނަޔޯން (26 މެއި) - ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން ދެކޮޅު ހެދި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް ދެ އަހަރު ވަންދެން ޔޫއެފާ މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް އަދަބެއް ދީފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަޔޯން (26 މެއި) - ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން ދެކޮޅު ހެދި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް ދެ އަހަރު ވަންދެން ޔޫއެފާ މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް އަދަބެއް ދީފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ 12 ކްލަބުން މިދިޔަ މަހު އިއުލާންކުރި ސުޕަ ލީގުން ނުވަ ކްލަބެއް ވަނީ އެ މުބާރާތުން ވަކިވެފަ އެވެ. އަދި ޔޫއެފާގެ ކިބައިން މާފަށް ވެސް އެދުނެވެ. އަދި ދެން އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ 100 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ލިބިގަތުމަށް ވެސް އެ ނުވަ ކްލަބުން އެއްބަސްވި އެވެ.

ޔޫރަޕިއަން ސުޕަ ލީގުން އެންމެ ފުރަތަމަ ވަކިވީ އެ މުބާރާތުގައި ބައިވެރިވި އިނގިރޭސި ހަ ކްލަބުންނެވެ. މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، އާސެނަލް، ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް އެވެ. އޭގެ ފަހުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި އިޓަލީގެ މިލާންގެ ދެ ކްލަބު ކަމަށްވާ، އޭސީ މިލާން އާއި އިންޓަ މިލާނުން ވެސް އެ މުބާރާތުން ވަކި ވި އެވެ.

ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ނިމިފައިވާ ކަމަށް، ޔޫއެފާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ދެން އޮތީ އެ ތިން ކްލަބާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމުމެވެ.

ދޭނެ ކަމަށް ބެލެވޭ އަދަބުގެ ތެރެއިން އެއް އަދަބަކީ، ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ދެ އަހަރަށް ތިން ކްލަބު ސަސްޕެންޑް ކުރުމެވެ.

މައްސަލަ ބެލި ޔޫއެފާގެ ތަހުގީގު ޓީމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ތިން ކްލަބުގެ މައްސަލަ ބެލުމަށް 20 މެންބަރުގެ ޓީމެއް ހަރަކާތްތެރި ވި އެވެ. ޔޫއެފާގެ އުސޫލުގައިވާ ގޮތުން، ވަކި ގައުމެއްގެ ކްލަބަކާއި ނުވަތަ ފަރުދަކާ ދެކޮޅަށް މައްސަލަ ބަލާ ކަމަށްވާ ނަމަ އެ ގައުމަކަށް ނިސްބަތްވާ އޮފިޝަލަކަށް ތަހުގީގު ޓީމުގައި ބައިވެރި ނުވެވޭނެ އެވެ. ނަމަވެސް ސްޕެއިންގެ އޮފިޝަލް ޓޯނީ ގާސީއާ އަލްކަރާޒް ތަހުގީގުގައި ބައިވެރިވި މައްސަލަ ސްޕެއިންގެ މީޑިއާއިން ވަނީ ހިލުވާލައިފަ އެވެ.

އެ ތިން ކްލަބުން ވެސް ވަނީ މީގެ ކުރިން ޔޫއެފާ އާ ދެކޮޅަށް ބަސް ބުނެފަ އެވެ. އެ ތިން ކްލަބުން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ތިން ކުލަބަށް ޔޫއެފާ އިން ބިރު ދައްކަމުންދާ ކަމަށެވެ.