Roadha Mihaaru
ސިފައިންގެ މީހަކު ބަންދެއްގައި ނެތް:ޑިފެންސް މިނިސްޓަރު

ސިފައިންގެ މީހަކު ބަންދެއްގައި ނެތް: ޑިފެންސް މިނިސްޓަރު

21 މާޗް 2018

ސިފައިންގެ އެއްވެސް މީހަކު މިހާރު ބަންދެއްގައި ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިފައިންގެ އެއްވެސް މީހަކު މިހާރު ބަންދެއްގައި ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ ތިން މީހަކު މި މަހު ހައްޔަރުކޮށް އެ މީހުން ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ސިފައިންގެ ފޯނު ވެސް އަތުލާފައިވެ އެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އިތުރު ގިނަ ސިފައިންތަކެއް ބަންދު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްއެންޑީއެފުން އެކަން ދޮގުކުރެ އެވެ.

އެމްއެންޑީއެފް މީޑިއާ މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިފައިން ތިބީ ސަރުކާރު ދަމަހައްޓަން ސާބިތު ކަމާ އެކު ކަމަށެވެ.

ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން، ފެބްރުއަރީ 1 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން އެރޭ މާލޭގައި ކަމެއް ހިނގާފާނެ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ކަންކަން ހައްލު ކުރަން އަސްކަރިއްޔާ އިން ދިޔައީ ވަގުތުން ފިޔަވަޅުތައް އަޅަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ސިފައިން ވެސް ތިބީ ސަރުކާރު ދަމަހައްޓަން ތައްޔާރުވެގެން ކަމަށާއި ސަރުކާރާ ދެކޮޅު ވިސްނުންތަކެއް ސިފައިންގެ ތެރޭގައި އޭރު ވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްއެންޑީއެފްގެ އެއްވެސް ހިސާބަކުން އެއްވެސް ބޭފުޅަކު ސުވާލެއް ނުއުފައްދާ. އެއްވެސް ބޭފުޅެއްގެ މޫނު މައްޗަކުން އަޅުގަނޑުމެންނަކަށް މާޔޫސްކަމެއް ނުފެނޭ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ގައުމީ ޖޯޝްގަ." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.