Roadha Mihaaru
ޣޫތާގެ ސްކޫލަކަށް ދިން ހަމަލާގައި 15 ކުދިން މަރު

އިރުމަތީ ޣޫތާގެ ސްކޫލަކަށް ދިން ހަމަލާގައި 15 ކުދިން މަރު

21 މާޗް 2018

ދިމިޝްގު (މާޗް 21) - ސީރިއާގެ އިރުމަތީ ޣޫތާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި 15 ކުދިންނާއި ދެ އަންހެނުން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 21) - ސީރިއާގެ އިރުމަތީ ޣޫތާގެ ސްކޫލަކަށް ދިން ވައިގެ ހަމަލާތަކުގައި 15 ކުދިންނާއި ދެ އަންހެނުން މަރުވެއްޖެ އެވެ.

މަރުވި މީހުން ތިބީ ސްކޫލުގެ ބިންގަރާހުގައި ހިމާޔަތް ހޯދައިގެން ކަމަށްވެ އެވެ. މީހުން ސަލާމަތް ކުރާ ޓީމުތަކުން ބުނީ ސީރިއާ އާއި ރަޝިޔާ ސިފައިން ގުޅިގެން ދޭ ހަމަލާތަކުން ސަލާމަތްވުމަށް ގިނަ ބަޔަކު ދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކުން ރައްކާތެރިކަން ހޯދަމުން ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިރުމަތީ ޣޫތާ އަށް ވައިގެ ހަމާލަތައް ދޭން ފެށި ފަހުން މިހާތަނަށް ވަނީ އާއްމުންގެ 1،400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ވަނީ އެ ޓައުން ދޫކޮށް 50،000 އަށް ވުރެ ގިނަ މީހުން ގޮހެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވައިގެ ހަމަލާތައް ދީފައި ވަނީ އުރުމަތީ ޣޫތާގެ އާބިން އަށް ކަމަށެވެ. އެއީ ފައިލަގު އަލް ރަހުމާން ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ އޭރިއާ އެކެވެ.

އިދިކޮޅު ނޭޝަނަލް ކޯލިޝަން ފޯ ސީރިއަން ރިވޮލިއުޝަނަރީ އެންޑް އޮޕޮޒިޝަން ފޯސަސް އިން ބުނީ ރަޝިޔާ ސިފައިން ސްކޫލަށް ހަމަލާ ދިނީ ގަސްދުގައި ކަމަށެވެ.