Roadha Mihaaru
މިހާރު ބުނަނީ ހިކެން ބޭނުމިއްޔާ ޑައެޓް ނުކުރާށޭ

މިހާރު ބުނަނީ ހިކެން ބޭނުމިއްޔާ ޑައެޓް ނުކުރާށޭ

25 މާޗް 2018

އަބަދުވެސް އިވެނީ ބަރުދަން ލުއިކޮށް ހިކެން ޑައެޓްކުރަންޖެހޭ ވާހަކަ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދިގު މުއްދަތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރެއްގައި ބަރުދަން ބަހައްޓަން ބޭނުންވަނީ ގަޑިންގަޑިއަށް އެކަށީގެންވާ ވަރަށް ކެއުން ކަމަށާއި ވަކި ހާއްސަ ޑައެޓެއް ނޫން ކަމަށެވެ.

އަބަދުވެސް އިވެނީ ބަރުދަން ލުއިކޮށް ހިކެން ޑައެޓްކުރަންޖެހޭ ވާހަކަ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދިގު މުއްދަތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރެއްގައި ބަރުދަން ބަހައްޓަން ބޭނުންވަނީ ގަޑިންގަޑިއަށް އެކަށީގެންވާ ވަރަށް ކެއުން ކަމަށާއި ވަކި ހާއްސަ ޑައެޓެއް ނޫން ކަމަށެވެ.

"އީޓިން ބިހޭވިއާސް" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ވަކި ހާއްސަ ޑައެޓަކަށް ހޭނެން މަސައްކަތްކުރުމުުން، ދިގު މުއްދަތަކަށް ބަލާއިރު، ހިކުމުގެ ބަދަލުގައި ފަލަވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންވެ، އަންހެނުންނާއި ފިރިހެނުންނަށް ވެސް އެންމެ އެކަށީގެންވާ، ދިގު މުއްދަތުގެ ޕްލޭނަކީ ގަޑިންގަޑިއަށް އެކަށީގެންވާ ވަރަށް ކާލައިގެން އުޅުން ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

"ހަގީގަތަށް ބަލާއިރު، ބަރުދަން ލުއިކުރުމަށް ދޭ އިރުޝާދުގައި މި އޮންނަނީ މަދުން ކެއުމަށް ފަހު ގިނައިން ކަސްރަތުކުރުން. ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ގިނަ ކަމުގައި ވިޔަސް، މުޅި އާބާދީއަށް ބަލާއިރު ނަތީޖާއަކަށް މި ފެންނަނީ މިގޮތަށް ބަރުދަން ލުއިކުރުމަކީ ދިގު މުއްދަތުގެ ޕްލޭނެއްގެ ގޮތުގައި ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫންކަން،" ޔުނިވަސިޓީ އޮފް ހެލްސިންކީގެ ރިސާޗަރެއް ކަމަށްވާ އޫލާ ކާރްކައެނެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރުދަން ލުއިކުރުމަށް ކެއުންތައް މަދުކޮށް، ކައި މިންވަރު ވެސް މަދުކޮށްލާ ކަމަށެވެ. އެކަމަކު ދިގު މުއްދަތަކަށް ބަލާއިރު މި ގޮތުގައި ނުހިފެހެއްޓި އެންމެ ފަހުން، ކުރިއަށް ވުރެ ބަރުވާ ކަމަށް ވިދާޅުވި އެވެ.

މި ދިރާސާ ކުރުމަށް 5000 އަންހެނުންނާއި ފިރިހެނުންގެ ފަރާތުން މައުލޫމާތު ހޯދި އެވެ. މި މީހުންގެ އުމުރުން 24 އަހަރުގައި ހުރި ބަރުދަނާއި އޭގެ 10 އަހަރު ފަހުން ހުރި ބަރުދަން މި ދިރާސާގައި ހޯދި އެވެ. އަދި މުއްދަތުގައި އެ މީހުންގެ ކެއުމުގެ އާދަ ގެންގުޅެފައިވާ ގޮތާއި އެ މީހުން ކުރި، ބަރުދަނަށް ބަދަލު އަންނަ ފަދަ ކަންކަަމަކީ ކޮބައިތޯ ވެސް ބެލި އެވެ.

ދިރާސާއިން އެނގުނީ އަހަރެމެންގެ މެޓަބޮލިޒަމް ބިނާވެގެން، އާދަކޮށް، އެކަށީގެންވާ ވަރަށް ކައި އުޅޭ ކާނާގެ މައްޗަށް ބިނާވެފައިވާ ކަމާއި ކެއުމުގެ ވަކި ހަމަތަކެއް ހިފެހެއްޓުމުން ބަރުދަން އެއްވަރެއްގައި ބަހައްޓަން މާ ފަސޭހަކަމެވެ.