Roadha Mihaaru
ބަރުދަން ލުއިކުރަން ކައްޓަލަ އާއި ސަނާމުގު

ބަރުދަން ލުއިކުރަން ކައްޓަލަ އާއި ސަނާމުގު

19 މާޗް 2019

ބަރުދަން ލުއިކުރަން އުޅޭ ނަމަ މިއީ ވެސް ޑައިޓްގެ ތެރެއަށް ގެންނަން ޖެހޭ ދެ ބާވަތެވެ. ކައްޓަލަ އާއި ސަނާމުގެވެ. ސިއްހީ ފައިދާތައް ގިނަ ފަސޭހަކަމާ އެކު ލިބެން ވެސް ހުރި ދެބާވަތެވެ. އެހެންގެ ސުފުރާމައްޗަށް ގެންނާކަށް މާ އުނދަގުލެއް ވެސް ނުވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރުދަން ލުއިކުރަން އުޅޭ ނަމަ މިއީ ވެސް ޑައިޓްގެ ތެރެއަށް ގެންނަން ޖެހޭ ދެ ބާވަތެވެ. ކައްޓަލަ އާއި ސަނާމުގެވެ. ސިއްހީ ފައިދާތައް ގިނަ ފަސޭހަކަމާ އެކު ލިބެން ވެސް ހުރި ދެބާވަތެވެ. އެހެންގެ ސުފުރާމައްޗަށް ގެންނާކަށް މާ އުނދަގުލެއް ވެސް ނުވާނެ އެވެ.

ރާއްޖޭގައި ހައްދާ ބާވަތެއް ނޫން ނަމަވެސް ބާޒާރުން އާންމުކޮށް ލިބެން ހުންނަ ސަނާމުގަކީ ޕްރޮޓީނާއި ފައިބާއިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ތަފާތު އެކި ގޮތްގޮތަށް ރިހަ ކައްކައިގެންނާއި ބަތް ފަދަ އެއްޗެހި ކައްކާއިރު ވެސް ބަތުގެ ތެރެއަށް އިތުރުކޮށްލައިގެން ވެސް ކެވިދާނެ އެއްޗެކެވެ. އަދި ސަޓަންޏެއް ހަދަން ވެސް ސަނާމުގަކީ ވަރަށް ވެސް ރަނގަޅު އެއްޗަކަށް ވާނެ އެވެ.

ސަނާމުގު

ސަނާމުގު

ބައެއް މީހުން ސްނެކެއްގެ ގޮތުގައި ވެސް މި ކައި އުޅެ އެވެ. ނަޓްސް ކަހަލަ އެއްޗެއް ކާ ހިތްވާ ނަމަ، ސަނާމުގަކީ ރޯސްޓްކޮށްލައިގެން ކާލަން ވެސް ރަނގަޅު އެއްޗެކެވެ.

ސަނާމުގަކީ އެ ކެއުމުން ބަނޑު ފުރިފައިވާކަން އިހުސާސްކޮށް ދޭނެ އެއްޗެކެވެ. މީގެ ނަތީޖާއަކީ ބަނޑުހައިވުން ކުޑަކޮށްދީ، އެހެން އެއްޗެހި ކެއުމާ ދުރުކޮށް ދިނުމެވެ. މާނައަކީ ބަރުދަން ލުއިވާން ސަނާމުގު މުހިއްމު ދައުރެއް އަދާކުރުމެވެ.

ހަޖަމުކުރުމުގެ ނިޒާމަށް ވެސް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ސަނާމުގަކީ ޕޮޓޭސިއަމާއި އަޔަން، ކޮޕާ، މެގްނީޒިއަމް، މޮލިބްޑެނަމް، ވިޓަމިން ސީ އާއި ވިޓަމިން ބީ-6 ވެސް މަތީ މިންވަރަކަށް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން އާންމުކޮށް މި ބޭނުންކުރާ ނަމަ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދީ، ހިތުގެ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން އެހީވެ އެވެ.

ކައްޓަލަަކީ ފައިދާ ގިނަ ފަލަމަޑީގެ ބާވަތެއް.

ކައްޓަލަަކީ ފައިދާ ގިނަ ފަލަމަޑީގެ ބާވަތެއް.

ރާއްޖޭގައި ވެސް އާންމުކޮށް ހައްދާ ފަލަމަޑީގެ ބާވަތެއް ކަމަށްވާ ކައްޓަލައަކީ ފައިދާތައް ގިނަ އެއްޗެކެވެ. ކައްޓަލައިގެ އެންމެ ހާއްސަ ކަމަކީ އޭގައި މަތީ މިންވަރަކަށް ޑައިޓްރީ ފައިބާ އެކުލެވިފައި ކެލޮރީޒް އެކުލެވޭ މިންވަރު ދަށްވުމެވެ. މީގެ ނަތީޖާއަކީ ކައްޓަލާ ކާ ނަމަ ބަރުދަން ލުއިވާން އެހީވުމެވެ.

ކައްޓަލައި ކެއުމުން ބަނޑުހައިވުން ކުޑަކޮށް ދެނީ މީގައި އެކުލެވޭ ފައިބާއިންނެވެ. ހަށިގަނޑަށް ފައިދާ ނޫން ކާނާތަކާ ދުރުވާން ބޭނުން ނަމަ، ކައްޓަލަ ކަހަލަ އެ އެއްޗެއް ކެއުމުން މީހާ ފުރިފައި ހުންނަ އިހުސާސް ކުރެވޭ ކަހަލަ ކާނާތަކަށް ސަމާލުކަން ދޭން ޑައިޓިޝަނުން ވެސް އަބަދު ލަފާ ދެ އެވެ. އެހެންވެ ކައްޓަލައަކީ ދޫކޮށްލެވޭ ވަރަށް މުހިއްމު ބާވަތެކެވެ.

ދިވެހިން އާންމުކޮށް ކައްޓަލަ ބޭނުން ކުރަނީ ފެނުކައްކައިގެން ކަމަށް ވިޔަސް، މިއީ ތަފާތު ރެސިޕީތަކުގެ ތެރެއަށް ފައްތައިލެވިދާނެ އެއްޗެކެވެ. ރެސިޕީތައް ހޯދައިލައގެން ތަޖުރިބާކޮށްލަން ރަނގަޅު ވާނެ އެވެ.

ކައްޓަލަ އާއި ސަނާމުގު އެއްކޮށްލައިގެން ވެސް ރަހަމީރު އެއްޗެއް ތައްޔާރުކޮށްލެވިދާނެ އެވެ.