Roadha Mihaaru
މަސް ގަންނަން މިފްކޯއިން ކުރިހޭދަ 57 ޕަސެންޓް އިތުރު

މަސް ގަންނަން މިފްކޯ އިން ކުރި ހޭދަ 57 ޕަސެންޓް އިތުރުވެއްޖެ

28 މާޗް 2018

މަސް ގަންނަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ އަހަރު ކުރި ހޭދަ 57 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަސް ގަންނަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ އަހަރު ކުރި ހޭދަ 57 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިފްކޯ އަށް މިދިޔަ އަހަރު 45،465 ޓަނުގެ މަސް ގަތެވެ. މިއީ 2016 ގައި ގަނެފައިވާ އަދަދަށް ވުރެ މަތީ އަދަދެކެވެ. އެ އަހަރު އެ ކުންފުންޏަށް ގަތީ 29،057 ޓަނުގެ މަހެވެ. އެއީ 549 މިލިއަން ރުފިޔާގެ މަހެވެ. އެހެންކަމުން 2016 ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު މަސް ގަންނަން ކުރި ހަރަދު ވަނީ 57 ޕަސެންޓް އިތުރުވެފަ އެވެ.

މިފްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާ ކަމަށެވެ. އިންޑިއާ ކަނޑުގައި ދާ އަޅައިގެން ކުރާ މަސްވެރިކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ އިރު މަސްވެރިކަން ރަނގަޅުވުމަކީ އޭގެ ނަތީޖާ ކަމަށް އަދުލީ ވިދާޅުވި އެވެ.

މިދިޔަ އަހަރު މިފްކޯ އިން ތިން ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރި އެވެ. އެއީ ރ. އަލިފުއްޓާއި ތ. ހިރިލަންދޫގެ އިތުރުން ގއ. ދާންދޫގަ އެވެ. މި އަހަރު ތެރޭގައި ފުވައްމުލަކާއި ނ. ޅޮހީގެ އިތުރުން ބ. ތުޅާދޫގައި އައިސް ޕްލާންޓް ގާއިމް ކުރާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.

އައިސް ލިބުމުގެ ޝަކުވާ މަސްވެރިން ކުރުމާ ގުޅޭ ގޮތުން އަދުލީ ވިދާޅުވީ އައިސް ލިބުން ދަތިވަނީ އެއިރަކު މަސްވެރިކަން ހުންނަ ގޮތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އަލަށް ގާއިމް ކުރާ ޕްލާންޓްތަކާ އެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

"އައްޑޫގައި މަސް ބާނަންޏާ ހުރިހާ ދޯންޏެއް ދާނެ ފަރެސްމާތޮޑާ އަށް. އުތުރުގައި ބާނަންޏާ ދެކުނުގެ ދޯނިތައްވެސް އެބަ އާދޭ ފެލިވަރު ކައިރިއަށް. އެހެންވީމަ އެއް ޕޮއިންޓަކަށް އައިސް ހޯދަން އައިސްގެން ދަތިކަން ކުރިމަތިވަނީ،" އަދުލީ ވިދާޅުވި އެވެ.

ޒުވާން މަސްވެރިން ތަމްރީނު ކުރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާ އާއި މިފްކޯއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިފްކޯގެ ސްޕޮންސާގެ ދަށުން ހިންގާ އެ ޕްރޮގްރާމްގައި ރާއްޖޭގެ ތިން ސަރަހައްދަކުން ތިން ޒުވާނުން މަސްވެރިކަމަށް ތަމްރީނު ކުރުމަށް ވަނީ ނިންމާފަ އެވެ.

މިފްކޯ މިހާރު ހިންގަމުން އަންނަނީ އެސްޓީއޯގެ ދަށުންނެވެ. އެސްޓީއޯ އިން މިފްކޯއާ ހަވާލުވި އިރު، މިފްކޯގެ ދަރަނި 338 މިލިއަނަށް އަރަ އެވެ. މިފްކޯ އަށް އެސްޓީއޯ އިން ވިއްކާފައިވާ ތެލަށް އެކަނި ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތެވެ. ނަމަވެސް މިހާރު އެއީ ފައިދާވާ ކުންފުންޏެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.