Roadha Mihaaru
މަސްކިރަން ދެކުނަށް ދާ ދޯނިފަހަރަށް ހިލޭ ތެޔޮ

މަސްކިރަން ދެކުނަށް ދާ ދޯނިފަހަރަށް އެސްޓީއޯ އިން ހިލޭ ތެޔޮ ދެނީ

25 ސެޕްޓެމްބަރ 2019

ކޫއްޑު އަށް މަސް ކިރުވަންދާ ދޯނިފަހަރަށް ހިލޭ ތެޔޮ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޫއްޑު އަށް މަސް ކިރުވަންދާ ދޯނިފަހަރަށް ހިލޭ ތެޔޮ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މަސްވެރިކަން އަދިވެސް ވަރަށް ރަނގަޅު ކަމަށާއި އިއްޔަ އެކަނި ވެސް 200 ޓަނުގެ މަސް ކިރުވި ކަމަށެވެ. އުތުރުގެ މަސްވެރިކަން ރަނގަޅުވުމުން ޅ. ފެލިވަރުގެ ފެކްޓަރީ އަށް ވަނީ ބާރުބޮޑުވެފަ އެވެ. މަސް ކިރަން ކިޔޫގައި ޖެހިގެން ގިނަ މަސްދޯނިތަކެއް ތިން ހަތަރު ދުވަސް ވަންދެން ތިބެން ޖެހެ އެވެ.

"އަޅުގަނޑުމެން އެބަ ދެން މިހާރު އިތުރު އޮޕްޝަނެއް. ދިހަ ޓަނުން މަތިން ގެންނަ ދޯނިތަކަށް ކޫއްޑު އަށް ގޮސް މަސް ކިރަން އެބަ ފޮނުވަން. ކޫއްޑުއަށް ދާ ދަތުރުގެ ހަރަދު މަސްވެރިންނަށް އެބަ ދެން،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް އެއްބަސްވާ ދޯނިފަހަރު ކުއްޑޫ އަށް ގެންދިޔުމުގެ އިންތިޒާމު ވެސް މިފްކޯއިން ހަމަޖައްސައިދެ އެވެ.

މިފްކޯއިން ބުނީ، އުތުރުގެ މަސްވެރިކަން މި ވޭތުވެދިޔަ 20 އަހަރުގައި ވެސް ރަނގަޅު ނުވާ ވަރަށް ރަނގަޅުވުމާ އެކު، ފެލިވަރުގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ކިރޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މިފްކޯއިން ދުވާލަކު 100 ޓަނު ކިރުވޭ އިރު މި ދުވަސްވަރު ކޫއްޑޫގެ މަސް ކިރާ ބޯޓުތަކުގެ އެހީގައި ދުވާލަކު 200 ޓަނު އަންނަނީ ކިރަމުންނެވެ.

މަސް ކިރުވަން އުނދަގޫވެ، ބައެއް އަމިއްލަ ފަރާތްތަކަށް ވަރަށް ކުޑަ އަގެއްގައި ވެސް މަސްވެރިން މަސް ވިއްކަ އެވެ. މި ދުވަސްވަރު މިފްކޯއިން މަސް ކިލޯއެއް 20ރ. ކިރުވާ އިރު އަމިއްލަ ބައެއް ކުންފުނިތަކުން މަސް ކިލޯއެއް ގަންނަނީ 15ރ. އަށް ވުރެ ދަށްކޮށެވެ.

މި ސެޕްޓެމްބަރު މަސް ފެށުނީއްސުރެ އުތުރުގެ މަސްވެރިކަން ރަނގަޅު ނަމަވެސް މިހާރު މޫސުން ގޯސްވުމުގެ ސަބަބުން، މަސް ބާނާ މިންވަރު މަދުވާނެ ކަމަށް ބެލެވެ އެވެ. މަސްވެރިން ބުނާ ގޮތުގައި އުތުރުގެ އިތުރުން ދެކުނުގެ މަސްވެރިކަން ވެސް އަންނަނީ މިހާރު ރަނގަޅުވަމުންނެވެ.