Roadha Mihaaru
ރޯދައިގެ ކުރިން މަސްވެރިންނަށް ފައިސާ ދޭނަން: މިފްކޯ

ރޯދައިގެ ކުރިން މަސްވެރިންނަށް ފައިސާ ހަމަޖައްސައި ދޭނަން: މިފްކޯ

21 އެޕްރީލް 2020

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެކަމަކު އެ ހަވާލު ނުކުރެވި ލަސްވަނީ، ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލާފައި އޮތުމުން ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ. އެ ކުންފުނިން ބުނީ އަންނަ ހުކުރު ދުވަހު ފަށާ ރޯދަ މަހުގެ ކުރިން އެ ފައިސާ ދޭނެ ކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެކަމަކު އެ ހަވާލު ނުކުރެވި ލަސްވަނީ، ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލާފައި އޮތުމުން ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ. އެ ކުންފުނިން ބުނީ އަންނަ ހުކުރު ދުވަހު ފަށާ ރޯދަ މަހުގެ ކުރިން އެ ފައިސާ ދޭނެ ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ބޮޑެތި ޕޭމެންޓްތަކެއް އުޅޭ ކަމަށާއި އެންމެ ބޮޑު އަދަދެއް ދޭން ޖެހެނީ ދެކުނުގެ މަސްވެރިންނަށް ކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތް ކުރަނީ މި ހަފުތާގައި އައްޑު އަށް ދާ މަތިންދާބޯޓަކުން އެ ފައިސާ ފޮނުވަން ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާ މަޝްވަރާތައް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ތިން ދުވަހެއްގެ ތެރޭގައި އެ ފައިސާތައް ހަވާލު ކުރެވޭނެ ކަމަށް މި ބަލަނީ. ރޯދައިގެ ކުރިން އެ ކަންކަން ހަމަޖައްސާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި 10 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން މިފްކޯ އިން މަސްވެރިންނަށް ދޭންޖެހެ އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، އަދިވެސް ގިނަ މަސްވެރިންނަށް ޕޭމެންޓްތައް ހަމަޖައްސަނީ ނަގުދު ފައިސާއިންނެވެ. މި ހާލަތުގައި ވެސް ބީއެމްއެލްގެ "މަސްވެރިޔާ ކާޑު" އޮތް މީހުންނަށް ޕޭމެންޓްތައް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ އަދަދެއްގެ މަސްވެރިން ދިރިއުޅޭ ގއ ގެނަމަފުށީގެ ގިނަ މަސްވެރިން ވަނީ "މަސްވެރިޔާ ކާޑު" ހައްދައިފަ އެވެ.

އިސްމާއިލް ވިދާޅުވީ، މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ނަމަވެސް މަހަށް ދިއުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. މަސްވެރިކަން ކުރުމަށްޓަކައި ހާއްސަ އުސޫލެއް ކުރިމަގުގައި އެކުލަވައިލައި އެ އުސޫލުގެ ތެރެއިން މަސްވެރިކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދަން އެހީތެރިވާނެ ކަމަށް އޭނާ ވިދާލުވި އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު އެއް ރަށުން އަނެއް ރަށަށް ދަތުރުތައްކުރުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އިން މިބަލި ފެނުމާ އެކު މާލެ ސަރަހައްދާއި އުުތުރުގެ ބައެއް މީހުން ދިރިއުޅޭ ރަށްތައް ވެސް ވަނީ ލޮކްޑަަައުން ކޮށްފަ އެވެ. މި ހާލަތުގައި ވެސް މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މަހަށް ދިއުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ލޮޅުމުން އަރައިގަތުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާ ކުރަންޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ އޮތޯރިޓީ (އައިއެމްއެފް) އިން ވެސް ވަނީ ބުނެފަ އެވެ. މިކަން ފަހި ކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްތަކުން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.