Roadha Mihaaru
ރަށުތެރޭގެ ފިހާރަތަކަށް ވެސް މުދާ ނުގެންދެވޭ

ބާޒާރުމަތީ ފިހާރަތަކުން ރަށުތެރޭގެ ތަންތަނަށް ވެސް މުދާ ނުގެންދެވޭނެ: ޓްރާންސްޕޯޓް

31 މާޗް 2018

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ރަށުތެރޭގެ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ އެއްވެސް ތަނަކަށް، މާދަމާ އިން ފެށިގެން، މުދާ ނުގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ރަށުތެރޭގެ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ އެއްވެސް ތަނަކަށް، މާދަމާ އިން ފެށިގެން، މުދާ ނުގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ ރަށުތެރޭގެ ފިހާރަތަކަށް ޕިކަޕް ފަދަ ވެހިކަލްތަކުގައި މުދާ ނުގެންދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އަމިއްލަ ބޭނުންތަކަށް ގޭގެއަށް ބޭނުންވާ ތަކެތި ގެންދަން ހުރަހެއް ނެތް ކަމަށެވެ.

"އިއުލާނުގައި ބުނެފައިވާ ގޮތަށް މާލެ ތެރެއަށް ޑެލިވަރީކުރާ އުސޫލުން އެއްވެސް މުދަލެއް ވެހިކަލެއްގައި ނުގެންދެވޭނެ މިހާރު ހަމަޖައްސާފައިވާ ގަޑިތަކުގައި ނޫނީ. އެއީ ބާޒާރުމަތީ ފިހާރައަކުން ގަންނަ މުދަލެއް ވިޔަސް ވެހިކަލެއްގައި ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ގޭގެއަށް އަމިއްލަ ބޭނުމަކު ގަނެގެން ގެންދާ އެއްޗެއް މީގެ ތެރޭގައި ނުހިމެނޭނެ."

ދުވާލު ގަޑީގައި މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކުރުމުން އެކަމާ ވިޔަފާރިވެރިން ޝަކުވާކުރުމުން ކުރީގެ ގަޑި އިއްޔެ ވަނީ އަވަސްކޮށްފަ އެވެ. ކުރިން ނަމަ މުދާ އުފުލޭނީ ރޭގަނޑު 10 އިން ފެށިގެންނެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ އިރުއޮއްސި ހަޔަކުން މުދާ އުފުލުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ.

އެ ބަދަލު ގެނައީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކު ވިޔަފާރިވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.

ޓްރާންސްޕޯޓުން ހަމަޖައްސާފައިވާ ގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ އެންމެހައި ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލޭނީ މިހާރު ހަމަޖައްސާފައިވާ ގަޑީގައި އެކަންޏެވެ.

ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.

މާލޭގައި ދިރިއުޅޭ ދެ ލައްކައެއްހާ މީހުން ދުވާލު އާންމުކޮށް ބާޒާރުކުރަނީ ރަށުތެރޭގެ ފިހާރަތަކުންނެވެ. އެ ތަންތަނަށް މުދާ ގަންނަނީ ބާޒާރުމަތީގައި، ހޯލްސޭލްކޮށް ވިޔަފާރިކުރާ ފިހާރަތަކުންނެވެ. އެހެންކަމުން އެއް ތަނުން އަނެއް ތަނަށް މުދާ އުފުލަކީ މުޅި ދުވަހު ހިންގަމުން އަންނަ މަސައްކަތެކެވެ.