01 އެޕްރީލް 2018
ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރަން ވަކީލުންނަށް ދޭ ވަގުތު އިތުރުކޮށް، އެކަމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރަން ވަކީލުންނަށް ދޭ ވަގުތު އިތުރުކޮށް، އެކަމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
މިދިޔަ ފެބްރުއަރީ 5 ގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު މިދިޔަ މަހު ފުލުހުން ވަނީ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރަން ވަކީލުންނަށް ދޭ ވަގުތު ދުވާލަކު 30 މިނެޓަށް ކުރުކޮށްފަ އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހުން ފެށިގެން އަމަލު ކުރަން ފެށި އުސޫލުގެ ދަށުން، ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރަން ވަކީލުންނަށް ކޮންމެ ދުވަހަކު ދެވޭ ވަގުތު ވަނީ އެއް ގަޑިއިރަށް އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ބަންދުގައިވާ މީހާގެ މައްޗަށް ހިނގާ ތަހުގީގާ ގުޅިގެން ނުވަތަ ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން އައްޔަން ކޮށްފައި ހުރީ އެންމެ ވަކީލަކު ކަމަށްވާ ނަމަ، އެއް ގަޑިއިރަށް ވުރެ އިތުރަށް 30 މިނެޓް އިތުރު ކޮށްދެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ގިނަ މައްސަލަތަކެއްގެ ތަހުގީގު ހިނގަމުންދާ ނަމަ ނުވަތަ ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ނަމަ އެއިން ކޮންމެ މައްސަލައަކަށް ވެސް އިތުރު ވަގުތު ދެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެކަމަކު ގިނަ މައްސަލަތަކެއް ހިނގަމުންދާ ހާލަތުގައި ކޮންމެ މައްސަލައަކަށް ތަފާތު ވަކީލުން އައްޔަން ކޮށްފައިވާ ނަމަ އެއިން ކޮންމެ ވަކީލަކަށް ދެވޭނީ އާންމު އުސޫލުގައިވާ ގޮތަށް، އެއް ގަޑިއިރުގެ ވަގުތެވެ.
އެ އުސޫލު ބުނާ ގޮތުން އާންމު އުސޫލުން ބަންދުގައި ތިބޭ މީހުންނާ ވަކީލުންނަށް ބައްދަލު ކުރެވޭނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 ން ހަވީރު 6:00 އަށް ހުސް ވަގުތު ހުރި މިންވަރަކުންނެވެ. ހަވީރު ހަޔެއްގެ ފަހުން ބައްދަލު ކުރެވޭނީ ބަންދުގައިވާ މީހާ އެކަމަށް އެދިއްޖެ ނަމަ ނުވަތަ ވަކީލުން އެކަމަށް އެދިއްޖެ ނަމަ އަދި އެފަދަ ބައްދަލުވުމެއް ދޭން ޖެހޭ ކަމަށް ކަސްޓަޑީގެ އިންޗާޖަށް ފެނިއްޖެ ނަމަ އެވެ.
ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ބައްދަލު ކުރެވޭނީ އެ ދުވަހަކު ނުވަތަ ޖެހިގެން އޮންނަ ދުވަހެއްގައި ބަންދުގައިވާ މީހާގެ މައްސަލައަކާ ގުޅޭ އަޑުއެހުމެއް ކޯޓެއްގައި އޮންނަ ނަމަ ނުވަތަ ކޮންމެހެން ބައްދަލު ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަމަށް އެ އުސޫލުގައިވެ އެވެ.
ބަންދުގައި ތިބޭ މީހުންނާ ވަކީލުން ބައްދަލު ކުރުމުގައި ޖަލުގެ ސެކިއުރިޓީ އަށް ބުރޫ އަރާ ފަދަ ކަމެއް ނުވަތަ ތަހުގީގަށް ދަތިކުރުމުގެ އަމަލެއް ހިންގައިފި ނަމަ ފުލުހުންގެ ޖަލުތަކަށް ނުވަދެވޭ ގޮތަށާއި ފުލުހުންގެ ތަހުގީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ވަކީލަކަށް ނުދިނުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް އެ އުސޫލުގައިވެ އެވެ.
ވަކީލުންނާ ބައްދަލުކުރަން ދޭ ވަގުތު ފުލުހުން އިތުރުކުރީ ކުރިން އޮތް 30 މިނެޓްގެ ވަގުތު ކުޑަ ކަމަށް ބުނެ އެކަމުގެ ޝަކުވާ ބައެއް ވަކީލުން ކުރަމުން ގެންދަނިކޮށެވެ.
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް
އުއްތަމަ ފަނޑިޔާރުގެ ވަކީލުގެ ގޮނޑި ދަށުން ރެކޯޑަރެއް
އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތަހުގީގެއް
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް
ވަކީލުން އައްޔަން ކުރުމުގެ އުސޫލު ބޮޑު ބަހުސަކަށް
ހަނީފު ގޭ ބަންދަށް ބަދަލުކޮށްފި