Roadha Mihaaru
އިންޑިއާއިން އެކަނި އޮޕަރޭޝަން ހިންގާތީ ހިތްހަމަނުޖެހުން

ހެލިކޮޕްޓަރު ފޮނުވާލަނީ އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަން ހިންގާތީ

04 އެޕްރީލް 2018

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު ފޮނުވާލަން ދިވެހި ސަރުކާރުން ބޭނުން ވަނީ، ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު ފޮނުވާލަން ދިވެހި ސަރުކާރުން ބޭނުން ވަނީ، ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާ ކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އިންޑިއާ އިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ހާލު ދެރަ ބަލި މީހުން އުފުލާށެވެ.

ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ، ޓައިމްސް އޮފް އިންޑިއާ އިން މިއަދު ބުނީ، މީގެ ތެރެއިން، ގަމުގައި އޮންނަ ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ. ހެލިކޮޕްޓަރު އަނބުރާ ގެންދަން، ދިވެހި ސަރުކާރުން އެންގި އަސްލު ސަބަބު އިންޑިއާ އިން އޮޅުންފިލުވަމުން އަންނަ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ހެލިކޮޕްޓަރު ފޮނުވާލަން ޖެހެނީ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު ހައްލު ހޯދައިދޭން އިންޑިއާ އަށް ދިން ފުރުސަތުގައި އެކަމަށް ހައްލުތައް ނުހޯދުމުން ކަމަށެވެ. ފުރަތަމަ ކަމަކަށް އައްޑޫގައި، އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގުމަކީ ދިވެހި ސަރުކާރުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާގެ އެއްވެސް ދައުރެއް ނެތި، މުޅި އޮޕަރޭޝަން މި ހިންގަނީ އެހެން ގައުމެއްގެ ސިފައިންގެ ބެލުމުގެ ދަށުން. ދެ ގައުމުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި މިކަން ވެފައި މި އޮންނަނީ. ކޮން ގައުމެއްގައިތޯ މިގޮތަށް އެހެން ގައުމެއްގެ ސިފައިން އޮޕަރޭޝަންތަކުގައި އެކަނި މަސައްކަތް ކުރަނީ؟،" އޮފިޝަލް ވިދާޅުވި އެވެ.

ކައްދޫގައި އޮންނަ ހެލިކޮޕްޓަރު ކައިރީގައި އޮޕަރޭޓް ކުރާ އިންޑިއާ ބަޔަކު ހުއްޓިލައިގެން.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ކައްދޫގައި އޮންނަ ހެލިކޮޕްޓަރު ކައިރީގައި އޮޕަރޭޓް ކުރާ އިންޑިއާ ބަޔަކު ހުއްޓިލައިގެން.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

މިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރުމެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

ދިވެހި ސަރުކާރުގެ އަނެއް ހުށަހެޅުމަކީ، ގަމުގައި އޮތް ހެލިކޮޕްޓަރު، ކައްދު އަށް ބަދަލުކުރުމެވެ. ސަބަބަކީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ކައްދު އަކީ ދިވެހި އަސްކަރިއްޔާގެ ޚާއްސަ ވިންގަށް ވުމެވެ. އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކައްދޫގައި އެ ހެލިކޮޕްޓަރު ބާއްވައިގެން އޮޕަރޭޓް ކުރަން ހުށަހަޅައި އެކަމަށް އެއްބަސްވާން އިންޑިއާ އަށް ވަގުތު ދިން ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

އެއްބަސްވުމުގައިވާ ގޮތުން ދިވެހި ސިފައިން ތަމްރީނު ކުރެވެން ދެން، ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލު ކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.

ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހަމަވެފައިވިޔަސް، ދިވެހި ސަރުކާރުގެ ވިސްނުމަކީ އެ އެއްބަސްވުން އާ ނުކުރުމެވެ.

"އެގޮތަށް [ކައްދު އަށް ހެލިކޮޕްޓަރު ބަދަލުކުރަން] އެއްބަސްވެވުނު ނަމަ، އެގްރީމެންޓް ވެސް އާ ކުރެވުނީސް. އެގޮތަށް އެކަން ކުރި ނަމަވެސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ކައްދޫގައި އޮންނަ އަސްކަރީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވެ އެވެ. މި ހުރިހާ ކަމެއް ކުރާއިރު ވެސް ރާއްޖެ އަށް އެންމެ މުހިއްމު އެއް ކަމަކީ، މިނިވަންކަމާއި އިސްތިގުލާލް ނުގެއްލޭ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިއުން ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި ގެންދަން ދިވެހި ސަރުކާރުން އެދިފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖެ-އިންޑިއާގެ ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލު ހޯދަން އެދި އިންޑިއާ އިން ހަރުކަށި، ބަޔާންތައް ނެރެފައިވާ މައްސަލައިގައި، ދިވެހި ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ.

ސަރުކާރުން ތަކުރާރުކޮށް ދޭ ޖަވާބަކީ، ބޭރުގެ ބާރުތަކާ އެކު ކިތަންމެ އެކުވެރި ގުޅުމެއް އޮތް ނަމަވެސް ރާއްޖޭގެ ކަންކަން އަމިއްލަ އަށް ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މި ކޯޅުން ބޮޑުވެފައި އޮއްވައި، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ، ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުން ވެސް ވީ އިންޑިއާ ނުތަނަވަސްވި ކަމަކަށެވެ. ދިވެހި ސަރުކާރާއި ޕާކިސްތާންގެ އަސްކަރިއްޔާގެ އިސް ފަރާތްތަކާ އެކު ބައްދަލުކޮށް، ދެ ގައުމު ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުން ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި އެވެ. މިކަމުގެ ކަންބޮޑުވުން އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ، އެ ގައުމުގެ ނޫސްތަކުން ފާޅުކުރި އެވެ.