Roadha Mihaaru
ކަޕިލްގެ "ފެމިލީ ޓައިމް" ކަމަކު ނުދިޔަ، ހުއްޓާލަނީ؟

ކަޕިލް ޝަރްމާގެ "ފެމިލީ ޓައިމް" ކަމަކު ނުދިޔަ، ހުއްޓާލަނީ؟

05 އެޕްރީލް 2018

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ މިދިޔަ މަހުގެ 25 ގައި ފެށި އާ ޝޯ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" އަށް އޭނާގެ ފަރާތުންއެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އާއި ޝޯގެ ފުރަތަމަ ދެ އެޕިސޯޑަށް ބެލުންތެރިން ދިން ފިނި ތަރުހީބާއެކު މި ޝޯ ހުއްޓާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ މިދިޔަ މަހުގެ 25 ގައި ފެށި އާ ޝޯ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" އަށް އޭނާގެ ފަރާތުންއެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އާއި ޝޯގެ ފުރަތަމަ ދެ އެޕިސޯޑަށް ބެލުންތެރިން ދިން ފިނި ތަރުހީބާއެކު މި ޝޯ ހުއްޓާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ޝޯ ގެނެސްދޭ ސޮނީ ޗެނެލާއި ޝޯގެ މައި ހޯސްޓް/ޕްރޮޑިއުސަރު ކަޕިލް މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް މީގެ ޓީއާރްޕީ ދަށްކަމުން ޝޯ ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ސޮނީގެ ވެސް ނެތެވެ.

އަނެއްކޮޅުން ޝޯގެ އެޕިސޯޑްތައް ޝޫޓްކުރަން ބައެއް ތަރިންނަށް ދައުވަތު ދީފައި، ކަޕިލް ސެޓަށް ވެސް ހާޒިރު ނުވެ، ފޯން ވެސް ނިއްވާލައިގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ފިލްމް "ހިޗްކީ" ގެ ޕްރޮމޯޓް ކުރަން ބަތަލާ ރާނީ މުކަރްޖީ އަށް ދައުވަތު ދީފައި، އެންމެ ފަހުން ޝޫޓިން ކެންސަލް ވެސް ކުރަން ޖެހުނެވެ.

"ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" އަށް އިންތިޒާރު ކުރި ވަރަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ކަޕިލް ކުރިން ގެނެސް ދިން ޝޯ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާ" އަޅާކިޔާ ނަމަ އާ ޝޯއަކީ ސުމެއްގެ އެއްޗެކެވެ. އަދި ގަޔާވާ ކަހަލަ އެއްވެސް ކަމެއް މި ފަހަރު ނެތް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މި ފަހަރުގެ ޝޯގައި ބޮޑަށް އޮންނަނީ ބައެއް މީހުން ބައިވެރިކޮށްގެން ތަފާތު ގޭމްތައް ކުޅުވައިގެން އިނާމު ދިނުމެވެ. އެގޮތުން އަޖޭ ދޭވްގަން އާއި އަބޭ ޑިއޯލް ބައިވެރިވި ދެ އެޕިސޯޑްގައި ވެސް ކަޕިލްގެ ޖާދޫ ނެތްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި "ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާ" ހުއްޓައިލީ ވެސް މީގެ މުހިއްމު އެއް ބައިވެރިއެއް ކަމަށްވާ އަދި ތަފާތު ކެރެކްޓާތަކާ އެކު ބެލުންތެރިން ހެއްވަމުން ދިޔަ ސުނިލް ގްރޯވާ އާއި ކަޕިލްއާ ދޭތެރޭ 2016 ގައި މައްސަލަތަކެއް ޖެހި، ސުނިލް ޝޯ އިން ވަކިވެ، މީގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވުމުންނެވެ.

ސުނިލްގެ އާ ޝޯއާ ގުޅޭ ޓްވީޓެއް.

މި ފަހަރު ކަޕިލްއާ އެކު ޝޯގައި ބައިވެރި ވަނީ ކިކޫ (ބަމްޕަރް) ޝްރަދާ، ޗަންދަން ބްރަބާކަރް، ނަވްޖޯތު ސިންގް އަދި ހޯސްޓެއްގެ ގޮތުގައި ނީހާ ޕެންޑްސޭ އެވެ.

"ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ބޮޑު ފޫއްސަކަށްވެގެން އެންމެން އެ ވާހަކަ ދައްކާ އިރު، ސުނިލް ވަނީ "ދަން ދަނާ ދަން" ކިޔާ ކޮމެޑީ ވެބް ޝޯއަކުން ބެލުންތެރިންނާ ބައްދަލުކޮށްފަ އެވެ. އެ ޝޯގައި އޭނާއާ އެކު ކަޕިލްއާ އެކު ކުރިން މަސައްކަތް ކުރި ސުގަންދާ މިޝްރާ އާއި އަލީ އަސްގަރް ވެސް ބައިވެރިވެ އެވެ. މީގެ އިތުރުން "ބިގް ބޮސް" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބު ކުރި ބަތަލާ ޝިލްޕާ ޝިންޑޭ ވެސް ސުނިލްގެ ޝޯ އިން ފެނިގެން ދާނެ އެވެ.