Roadha Mihaaru
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟

"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި އަލުން ފަށަނީ؟

19 ޖުލައި 2021

ސޮނީ ޓީވީން މެދުކަނޑާލާފައި އޮތް ކާމިޔާބު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ 21 ގައި އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން މެދުކަނޑާލާފައި އޮތް ކާމިޔާބު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ 21 ގައި އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ޝޯ އަލުން ފަށާނެ އިރެއް ނޭނގި އޭގެ ބެލުންތެރިން މާޔޫސްވެފައި ތިއްބައި މީގެ ހަފުތާއެއްހާ ކުރިން އެރި އަޑަކީ ޝޯގެ ބައިވެރިން ފީ ބޮޑުކުރަން ޑިމާންޑްކުރުމުން ޝޯ އަނެއްކާވެސް ލަސްވާނެ ވާހަކަ އެވެ. ނަމަވެސް މިހާރު ޚަބަރުތައް ބުނާ ގޮތުން ހުރިހާ ކަމެއް ހަމައަަކަށް އެޅި އަންނަ މަހުގެ 21 ގައި "ދަ ކަޕިލް ޝަރުމާ ޝޯ" ބެލުންތެރިންނާ ބައްދަލުކުރާނެ އެވެ.

މި ޝޯ އަލުން ދައްކާނީ ވެސް ކުރިން ވެސް ދެއްކި ގޮތަށް ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގަ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އާ ގުޅޭ ގޮތުން އާ ތާރީހެއްގެ ވާހަކަ ފެންމަތިވެފައި މި ވަނީ ސޮނީގެ "އިންޑިއަން އައިޑޮލް 12" ވެސް އަންނަ މަހު ނިންމައިލަން ރާވާފައި ވަނިކޮށެވެ. އެ ޝޯގެ ފިނާލޭ ގެނެސްދޭނީ އަންނަ މަހުގެ 15 ގަ އެވެ.

"އިންޑިއަން އައިޑޮލް 12" ގެނެސްދެނީ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ކަމަށްވާތީ އެ ޝޯ ފުރަމުން ދިޔަ ގަޑި އަންނަ މަހުގެ 21 އިން ފެށިގެން ފުރާނީ "ކަޕިލް ޝަރުމާ ޝޯ" ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު މިކަން އަދި ސޮނީން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ

އެ ޝޯ އަކީ މަޝްހޫރު ކޮމެޑީއަން ކަޕިލް ޝަރުމާއާ އެކު ގެނެސްދޭ އެއްޗެކެވެ. ފެބްރުއަރީގައު މެދުކަނޑައިލި ޝޯ އަލުން ފަށާ އިރު، ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޝޯގައި އާ ލިޔުންތެރިންނާ އާއި ކޮމީޑިއަނުން ހިއްސާވާނެ އެވެ. އެކަމަކު ކުރިން ވެސް ޝޯއިން ފެނުނު މަޝްހޫރު މޫނުތައް ފެންނާނެ އެވެ. އެއީ ކްރުޝްނީ އަބީޝެކް، ބާރްތީ ސިންގް، ކިކޫ ޝްރަދާ، ޗަންދަން ޕްރަބާކަރް އަދި ހިނިގަނޑު ޖަހަން އިންނަ އަރްޗަނާ ޕުރާން ސިންގް އެވެ.