Roadha Mihaaru
ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟

ކަޕިލް ޝަރުމާ ޝޯ އަލުން ފަށާނީ ޖުލައިގައި؟

27 މެއި 2021

ކުޑަ ދުވަސްކޮޅަކަށް ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަލުން ފަށާނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޑަ ދުވަސްކޮޅަކަށް ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަލުން ފަށާނީ އަންނަ ޖުލައި މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި ޝޯގެ ޓީމުން ކުރިން ނިންމައިގެން ތިބީ މި މަހުގެ 15 އިން ފެށިގެން ޝޯ އަލުން ގެނެސްދޭށެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، މަހާރަޝްތުރާ ސްޓޭޓްގައި ވެސް އެޅި ފިޔަވަޅުތަކާ އެކު ޝޫޓިން ކުރިއަށް ގެންދެވެން ނެތުމުން އަންނަ މަހުގެ ތެރޭގައި ޝޯ ގެނެސްދޭން ފެށިދާނެ ކަމަށް އުންމީދުކުރެވުނެވެ.

ނަމަވެސް ހާލަތު އެކަށީގެންވާ ވަރަށް އަދިވެސް ރަނގަޅު ނުވާތީ މިހާރު ނިންމައިގެން ތިބީ ޖުލައި މަހުގެ 21 އިން ފެށިން "ދަ ކަޕިލް ޝަރުމާ ޝޯ" އަލުން ގެނެސްދޭން ކަމަށް ޓެލީ ޗައްކަރުން ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކަޕިލް އާއި ސޮނީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމީޑިއަން ކަޕިލް ހޯސްޓްކުރާ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ. އެ މެދުކަނޑާލުމުން ފޭނުން ވަރަށް ބޮޑަށް މާޔޫސްވެފައިވެ އެވެ. ކަޕިލް ބުނެފައިވާ ގޮތުގައި ޝޯ ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލަން ޖެހުނީ އޭނާ އަށް ދެވަނަ ދަރިޔަކު ލިބުމާއި ބުރަކަށީގެ ސިއްހީ މައްސަލައަކަށް ފަރުވާ ވެސް ހޯދަން ބޭނުންވާތީ އެވެ.

އޭނާގެ ޝޯ ސޮނީން މެދުކަނޑާލި އިރު، ކަޕިލް އޮތީ ނެޓްފްލިކްސްގެ ކޮމެޑީ ޝޯއަކަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އެއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު "ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަން ޖެހި، އަލުން ޝޯ ފެށި އިރު، ޝޯ ގެނެސްދެމުން އައީ ލައިވް އޯޑިއަންސާ ވެސް ނުލަ އެވެ.

ދާދި ފަހުން ސޮނީން ޝޯ އަލުން ފަށާ އިރު އޭގައި މަސައްކަތްކުރަން ޝައުގުވެރިވާ އެކްޓަރުންނާއި ރައިޓަރުންނަށް ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ. އެހެންވެ އަލުން ޝޯ ގެނެސްދޭނީ ބަދަލުތަކަކާ އެކީ ކަމަށް ގަބޫލުކުރެވެ އެވެ.