Roadha Mihaaru
މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ: މިފްކޯ

މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ: މިފްކޯ

10 އެޕްރީލް 2018

މިފްކޯ އަށް މަސް ނުކިރުވިގެން މަސްތައް ކަނޑަށް އުކާލަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިފްކޯ އަށް މަސް ނުކިރުވިގެން މަސްތައް ކަނޑަށް އުކާލަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯ އިން ހިންގާ ކޫއްޑޫގެ ސީނިއާ އެގްޒެކެޓިވް އަހުމަދު އަޒްލީން ވިދާޅުވީ ބަޔަކު މީހުން ކަނޑަށް މަސްތައް އުކައިލީ ކޫއްޑޫ އަށް ނުކިރިގެން ކަމަށް ނުބުނެވޭނެ ކަމަށެވެ.

"މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ. ބަޔަކު މީހުން އުކާލާ އުކާލުން އެއީ ނުކިރިގެން ކަމަކަށް ނުބުނެވޭނެ. އެކަހަލަ ރިޕޯޓެއް ވެސް ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ދެކުނުގެ މަސްވެރިކަން އިންތިހާ އަށް ރަނގަޅުވެ، މިދިޔަ ދެތިން ރޭ 600 ޓަނަށް ވުރެ ގިނަ މަސް މިފްކޯ އަށް ކިރާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޫއްޑު އަށް މަސްކިރަން އައި އެއްވެސް ދޯންޏަކަށް މަސް ނުކިރިގެން އެނބުރި ގޮސްފައެއް ނުވޭ. މި ތަނަށް މަސްކިރަން އައި ދޯނިތައް ގިނައިރުވުމުން އައިސް ދީގެން ވެސް ކިރާފައިވާނެ،" އަޒްލީން ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަސް ނުކިރިގެން އުކާލަން ނުޖެހޭނެ ކަމަށް މިފްކޯ އިން ބުނި އިރު، ހުވަދޫގައި މަސްވެރިކަން ކުރާ ލ. ގަމު ދޯންޏަކުން ބޭނި މަސްތަކެއް ކަނޑަށް އުކާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ދޯނީގެ އިތުރުން ގދ. ތިނަދޫ ދޯންޏަކުން ވެސް ބޭނި މަސްތަކެއް ނުކިރިގެން އިއްޔެ ރޭ އުކާލާފައިވާ ކަމަށް އެނގިފައިވެ އެވެ.

މިފްކޯ އިން ބުނީ އުތުރުގައި މަސް ކިރަން އޮތް އެ ކުންފުނީގެ "ކަލަމިންޖާ 402" ބޯޓު ވެސް ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އަދި ގއ. ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމަށް ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން ބުނީ ކުރިއާ އަޅައިބަލާ އިރު މަސް ގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާއިރު 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.