Roadha Mihaaru
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި

ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި

10 އެޕްރީލް 2018

އިތުރު ވަގުތުގެ ތެރޭގައި ނިޝޫ ކުމާރް ވައްދާލި ގޯލުން 1-0 އިން ނިއު ރޭޑިއަންޓް ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިތުރު ވަގުތުގެ ތެރޭގައި ނިޝޫ ކުމާރް ވައްދާލި ގޯލުން 1-0 އިން ނިއު ރޭޑިއަންޓް ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުގައި ނިއު ދެން ކުޅޭ މެޗުގައި މި މަހު 25 ވަނަ ދުވަހު ބެންގަލޫރު އަތުން މާލޭގައި މޮޅުވުން ވަނީ މަޖުބޫރުވެފަ އެވެ. މި ގްރޫޕުގައި ދެން އޮތް އިންޑިއާގެ އައިޒޯލް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ކުޅުނު ދެ މެޗުން އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ދެ ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.

މިރޭގެ މެޗަށް ބެންގަލޫރުން ނުކުތީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ނިއު އިން ވަނީ އެ ޓީމުގެ އެންމެ ރަނގަޅު ޓީމު މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މި މެޗުގައި ނިއު އިން އަފްގާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ ބޭނުންކުރީ ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގަ އެވެ. ފަޅިން ކުޅެމުން ދިޔައީ އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެވެ.

މެޗު ފަށައިގެން ނިއު އިން ދިޔައީ ބެންގަލޫރު ހާފު ތެރޭގައި ރަނގަޅަށް ޕްރެސްކޮށްގެން އެޓޭކް އުފައްދަން މަސައްކަތްކުރަމުންނެވެ. އޭގެ ސަބަބުން ބެންގަލޫރުން މެޗުގެ ކޮންޓްރޯލް ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.

ބެންގަލޫރުން މެޗުގެ 15 ވަނަ މިނިޓްގައި އުފެއްދި އެޓޭކެއްގައި ސްޕެއިނުގެ ފޯވާޑް ޑެނިއަލް ސެގޯވިއާ އަށް ލިބުމުގެ ކުރިން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ސަލާމަތްކުރި އެވެ. އެހެން ނަމަވެސް އެ ބޯޅަ އަލުން ހޯދައި ބެންގަލޫރުގެ ފޯވާޑް ސެމްބޯއީ ހޯކިޕް ފޮނުވާލުމުން ގޯލު ރޮނގުކައިރިން އަމީރީ ވަނީ އެ ބޯޅަ ބޮލުން ބޭރު ކޮށްލައިފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބެންގަލޫރުގެ ޑިފެންޑަރެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއިން ނިއުގެ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ އަށް ޖައްސާލި ބޯޅަ އޭނާ އަށް ލިބޭ ވަރަށް ވުރެ ބާރަށް ޖައްސާލުމުން ފުރުސަތުގެ ބޭނުން ނުހިފުނެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނިޓްގައި ބެންގަލޫރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ އޮފްސައިޑް މަޅިން ސަލާމަތްވެ ބެންގަލޫރުގެ ހަރްމަންޔޯތު ކާބްރާ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ސެމްބޯއި ފޮނުވާލި ބޯޅަ ދިޔައީ ގޯލާސީދާނުވެ ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އަލީ ފާސިރު (ސެންޓޭ) ނަަގައިދިން ހުރަހެއް ގޯލު ކުރިމަތިން ހުރަސްވެގެންދިޔައިރު، އެ ޓީމުގެ ގުއިލެމް އަށް އެ ބޯޅަ ލިބޭގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓް ތެރޭގައި ބެންގަލޫރު ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ނަގައިދިން ބޯޅަ އެ ޓީމުގެ އަމީރީ ފުއްމައިގެން އެރި ނަމަވެސް އޭނާ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފާ ހިލާފަށް މި ހާފު ފަށައިގެން ބެންގަލޫރުގެ ޑިފެންސުގެ ތެރެއިން ނިއު އަށް ލިބޭ ޖާގަތަށް ދިޔައީ އިތުރުވަމުންނެވެ. އޭގެ ބޭނުން ހިފައި ނިއު އިން ދިޔައީ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ އެޓޭކުގެ ފައިނަލް ބޯޅަ އެންމެ ރަނގަޅަށް ޕާސް ނުކުރެވުމުގެ މައްސަލަ އެވެ.

އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ދަގަނޑޭ އާއި ސެންޓޭ އަށެވެ. ދަގަނޑޭ ދިން ބޯޅަ ގުއިލެމް ގޯލަށް ވައްދާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑުގަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ނިއުގެ ފަހަތުން އުފެދުނު ގޯހެއްގެ ފައިދާނަގައި ބެންގަލޫރުގެ ސެގޯވިއާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަތުން ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.

ބެންގަލޫރުން ވަނީ މެޗުގެ ފަހު 20 މިނިޓަށް ޗެތުރީ ކުޅެން އަރުވައިފަ އެވެ. ޗެތުރީ ކުޅެން އެރީ ސެމްބޯއީގެ ބަދަލުގަ އެވެ. އަދި އޭގެ ފަހުން ވަނީ ސްޕެއިނުގެ މިޑްފީލްޑަރު ވިކްޓާ ޕެރޭޒް ވެސް ކުޅެން އަރުވައިފަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ދަގަނޑޭ ދިން ބޯޅައެއް ހޯދައި ސެންޓޭ އަރިމަތިން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ އޭރިއާ ތެރެއިން ބެންގަލޫރުގެ ޗެތުރީ އަށް ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ފައުލުކުރި ކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. އަދި ރެފްރީގެ ނިންމުމާ މާ ބޮޑަށް ފާޑުކިޔުމުގެ ސަބަބުން ބެންގަލޫރުގެ ސްޕެއިން ކޯޗު އަލްބާޓް ރޮކާ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

މެޗުގެ ނަތީޖާ އެއްވަރުވާން ދަނިކޮށް އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައި ޗެތުރީ ދިން ބޯޅަ އަކުން ނިޝޫ ވަނީ ބެންގަލޫރުގެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ނިއުގެ އޮފްސައިޑް މަޅިން ސަލާމަތްވެ ޗެތުރީ ވަނީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެންވަދެ މުޅިން ހުސްކޮށްހުރި ނިޝޫ އަށް ބޯޅަ ދީފަ އެވެ. އޭނަ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މި މޮޅާ އެކު ބެންގަލޫރުން ވަނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެ ޓީމުގެ 100 ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. އެއީ ހަތް މެޗު ކުޅެގެން ހޯދި ހަތް މޮޅާ އެކު އެވެ. އަދި މި މެޗުގެ ނަތީޖާއާ އެކު ނިއު އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 22 މެޗަށް ފަހު ނިމުމެއް އައިސްފަ އެވެ.