Roadha Mihaaru
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ

މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ

11 އެޕްރީލް 2018

އޭއެފްސީ ކަޕްގައި ރޭ ބެންގަލޫރު އަތުން ރަށުން ބޭރުގައި 1-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މި މަހު 25 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން ނިއު އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި ރޭ ބެންގަލޫރު އަތުން ރަށުން ބޭރުގައި 1-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މި މަހު 25 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން ނިއު އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ އެއް ވަނައިގައި ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ އެންމެ ޓީމަކަށެވެ. އެ މަގާމަށް ވާދަކުރަނީ ނިއު އާއި ބެންގަލޫރެވެ. މުބާރާތުގައި ކުރިއަށްދާން ދެން އޮތް މެޗުން މާލޭގައި ބެންގަލޫރު ބަލިކުރުން ނިއު އަށް ވަނީ މަޖުބޫރުވެފަ އެވެ.

ނިއު ބަލިވީ އިތުރު ވަގުތުގައި ބެންގަލޫރުން ވައްދާލި ގޯލާ އެކު 1-0 އިންނެވެ. ނިއުގެ ކޯޗު އޮސްކާ ބުނީ ރޭގެ މެޗުގައި ނިއު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ މެޗުގެ ނަތީޖާ ތަފާތުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

"ނެތް ދެއްކޭނެ މާ ބޮޑު ވާހަކައެއް. މިއީ ފުޓްބޯޅައިގައި ވާގޮތް. ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާނަމަ އިދިކޮޅަށް ނުކުންނަ ޓީމުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނެ. އަހަރެން މާ ބޮޑަށް ނަސީބުގެ ވާހަކަ ނުދައްކާނަން. އެއީ މި މެޗުގެ ކޮންޓްރޯލް އޮތީ އަހަރެމެން އަތުގައި އެކަމަކު ނަތީޖާއެއް ނުނެރެވުނު. ދެން ބޭނުންވަނީ 15 ދުވަހުގެ ތެރޭގައި އެކަން ބަދަލުކުރަން،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މެޗުގައި ފެނުނު ތަފާތަކީ ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ކަމަށެވެ. ޗެތުރީ ކުޅެން އެރީ މެޗުގެ ފަހު 20 މިނިޓަށެވެ. ބެންގަލޫރުގެ ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ ޗެތުރީ އެވެ.

"އަހަރެން ބޭނުން ސުނިލް (ޗެތުރީ) އަށް ތައުރީފްކުރަން. އެއީ އޭނާ އެރުމުގެ ކުރިން އަހަރެމެން ފަހަތަށް މާ ބޮޑު ނުރައްކަލެއް ނެތް އެކަމަކު އޭނަ އެރި ހިސާބުން މައްސަލަތަކެއް ދިމާވަން ފެށި. މެޗުގެ އެންމެ މުހިއްމު ހާލަތުގައި އޭނާ ތަފާތު ދައްކައިފި،" އޮސްކާ ބުންޏެވެ.

ބެންގަލޫރު މިހާތަނަށް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އަންނަނީ 100 ޕަސެންޓް ރެކޯޑެއް ދަމަހައްޓަމުންނެވެ. މިހާތަނަށް އެ ޓީމުން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އޮސްކާ ބުނީ ނިއު އަށް އެކަން ބަދަލުކުރެވިދާނެ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ނިއު އަށް އަދި އަނެއް ބުރުގެ ދޮރު ބަންދެއް ނުވޭ. ދެން އޮތް މެޗުގައި ބެންގަލޫރު އަތުން 2-0 އިން މޮޅުވެގެން އަހަރެމެންނަށް ގްރޫޕުގެ އެއް ވަނަ އަށް އެރޭނެ. މިއީ ކަޕް މެޗެއް ކަހަލަ ކުރިމަތިލުމެއް. ފުރަތަމަ މެޗުން އެ މީހުން 1-0 އިން މޮޅުވީ. ދެން އޮތީ އަހަރެމެން ދަނޑުގައި ކުޅޭ މެޗު. ބެންގަލޫރު ދަނޑުގައި ކުޅުނު މެޗު ދިޔަ ގޮތުން މާޔޫސެއް ނުވަން. އިސް އުފުލައިގެން އަނެއް މެޗަށް ނުކުންނާނީ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގައި ނިއުގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ފާހަގަކުރާ ކަމަށާއި އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަަމަށެވެ.