Roadha Mihaaru
ޒޯން ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ ތިމަރަފުށި

ޒޯން ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ ތިމަރަފުށި

11 އެޕްރީލް 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރަށް ޓީމުތައް ދަތުރުކުރިއިރު، ޒޯން ޗެމްޕިއަންކަން ދިފާއުކުރި ހަމައެކަނި ޓީމަކަށް ޒޯން ހަޔެއްގެ ޗެމްޕިއަން ތ. ތިމަރަފުށި ވެއްޖެ އެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރަށް ޓީމުތައް ދަތުރުކުރިއިރު، ޒޯން ޗެމްޕިއަންކަން ދިފާއުކުރި ހަމައެކަނި ޓީމަކަށް ޒޯން ހަޔެއްގެ ޗެމްޕިއަން ތ. ތިމަރަފުށި ވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 2016 ވަނަ އަހަރު ވާދަކުރި ތިމަރަފުށްޓަކީ މިދިޔަ ތިން އަހަރު ވެސް ޒޯން ހަޔެއްގެ ޗެމްޕިއަނުންނެވެ. މި ފަހަރު އެ ޓީމުން ޒޯން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ލ. މާބައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން އެކެއްގެ ޗެމްޕިއަން ހއ. މުރައިދޫ، ޒޯން ދޭއްގެ ޗެމްޕިއަން ށ. ފޯކައިދޫ، ޒޯން ތިނެއްގެ ޗެމްޕިއަން ބ ފެހެންދޫ، ޒޯން ހަތަރެއްގެ ޗެމްޕިއަން އދ. ފެންފުށި، ޒޯން ފަހެއްގެ ޗެމްޕިއަން ފ. ނިލަންދޫ، ޒޯން ހަޔެއްގެ ޗެމްޕިއަން ތިމަރަފުށި، ޒޯން ހަތެއްގެ ޗެމްޕިއަން ގދ. ހޯޑެއްދޫ އަދި ޒޯން އަށެއްގެ ޗެމްޕިއަން ސ. ހިތަދޫ އެވެ.

މީގެ އިތުރުން ފައިނަލް ބުރުގައި ދެން ކުޅޭނީ މިދިޔަ ސީޒަނުގައި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ދެ ޓީމު ކަމަށްވާ އއ. މާޅޮހާއި ދ. ކުޑަހުވަދޫ އެވެ. ޕްރިމިއާ ލީގުގައި ވާދަކުރި އަނެއް ދެ ޓީމު ކަމަށްވާ ށ. މިލަންދޫ އާއި ގދ. ތިނަދޫ މި ފަހަރު ނުކުޅެ އެވެ.

މި ފަހަރު ވެސް މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދޭން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.

މިނިވަން ޗެމްޕިއަންޝިޕޔގެ ފައިނަލް ބުރުގެ މެޗުތައް ކުރިއަށްދާނީ ދެ ސަރަހައްދެއްގައި ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފަސް ޓީމު ހިމެނޭ ދެ ގްރޫޕުގެ މެޗުތައް ފަށާނީ މި މަހު 20 ވަނަ ދުވަހު އެވެ. ދެ ގްރޫޕުގެ މެޗުތަކަށް ފަހު ސެމީ އޮންނާނީ އަންނަ މަހު 3 އާއި 4 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.

ފައިނަލް ބުރުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު ރަށްތަކަށް ހުޅުވާލާފައިވާއިރު، ގިނަ ޓީމުތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި ވަރަށް އަވަހަށް ފައިނަލް ބުރު ބާއްވާނެ ދެ ރަށެއް ކަނޑައަޅާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.