Roadha Mihaaru
އާ ހިތްވަރަކާ އެކު ތިމަރަފުށީގެ އަމާޒު ޗެމްޕިއަންކަމަށް

އާ ހިތްވަރަކާ އެކު ތިމަރަފުށީގެ އަމާޒު ޗެމްޕިއަންކަމަށް

09 މެއި 2018

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 2016 ވަނަ އަހަރު ބ.އޭދަފުށި އަތުން ތިމަރަފުށި ބަލިވިއިރު، އެ މެޗުން ލިބުނު މާޔޫސްކަމުން އަރައިގަންނަށް ތިމަރަފުށިން މަސައްކަތް ފެށި އެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލް ބުރުން ކެޓުމުން މި ފަހަރު އާ ހިތްވަރަކާ އެކު ޓީމުން މި ވަނީ ފައިނަލުގެ ފުރުސަތު ހޯދައިފަ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މި ފަހަރު ތަފާތު ދައްކައި ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 2016 ވަނަ އަހަރު ބ.އޭދަފުށި އަތުން ތިމަރަފުށި ބަލިވިއިރު، އެ މެޗުން ލިބުނު މާޔޫސްކަމުން އަރައިގަންނަށް ތިމަރަފުށިން މަސައްކަތް ފެށި އެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލް ބުރުން ކެޓުމުން މި ފަހަރު އާ ހިތްވަރަކާ އެކު ޓީމުން މި ވަނީ ފައިނަލުގެ ފުރުސަތު ހޯދައިފަ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މި ފަހަރު ތަފާތު ދައްކައި ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ.

"އަޅުގަނޑުމެން ތަށި ގެއްލުނު (2016 ފައިނަލުން ބަލިވި) ހިސާބުން ފެށިގެން މަސައްކަތަކީ މި ހިސާބަށް އައުން. މި ވޭދުވެދިޔަ ހަތަރު އަހަރު ޓީމުގެ މެނޭޖްމަންޓާއި ރަށު ކައުންސިލުން މި ކަމަށް ޓާގެޓް ކޮށްގެން މިއުޅެނީ. ރަށު ޓީމެއް ފުރަތަމަ ޑިވިޝަން ލެވެލްގައި އޮވެ ކާމިޔާބު ހޯދަން،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗިން ސްޓާފް އަހުމަދު އަލްތަފް ބުންޏެވެ.

އޭނާ ބުނީ މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރަށުގެ ކުދިބޮޑު އެންމެން މި ކަމަށް (ޗެމްޕިއަންކަމަށް) ފެންބޮވައިގަނެފައި ތިބީ. ވޭދުވެދިޔަ ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށް ފައިނަލަށް މިއައީ. ހަމަ އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ މި ފަަހަރު ތަށި ހިފައިގެން ރަށަށް ދިއުން،" އަލްތަފް ބުންޏެވެ.

ތިމަރަފުށްޓަކީ މި މުބާރާތް އަލުން ފެށި ފަހުން ފައިނަލުގައި ދެ ވަނަ ފަަހަރަށް ކުޅޭ ފުރަތަަމަ ޓީމެވެ. އަދި މި ފަހަރުގެ މުބާރާތުގައި އަތޮޅު ޗެމްޕިއަންކަމާއި ޒޯން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ތިމަރަފުށްޓެވެ. މިހާރު އެ ޓީމުގެ ވިސްނުން ހުރީ އެ އަށް ވުރެން ދުރަށެވެ.

"އަޅުގަނޑުމެން ރަށުން މިހާރު މާ ބޮޑު ސަމާލުކަމެއް ނުދޭ އަތޮޅު ޗެމްޕިއަންކަން އަދި ޒޯން ޗެމްޕިއަންކަމަށް. އެއީ މިދިޔަ ތިން އަހަރު ވެސް އޭގެ ކުރީގެ ތާރީހުތަކަށް ބަލާއިރު ވެސް ފުދޭ ވަރަކަށް ގިނައިން އަތޮޅު ދެން ޒޯން ލިބިފައި އޮތީ. ރަށުގެ ހުރިހާ ރައްޔިތުންގެ އެދުމަކީ ވެސް (މިނިވަން ޗެމްޕިއަންޝިޕް)ގެ ޗެމްޕިއަންކަން،" އަލްތަފް ބުންޏެވެ.

މި މުބާރާތުގައި ވާދަކުރާ އެހެން ބައެއް ޓީމުތަކުން އެހެން ރަށްތަކުގެ ކުޅުންތެރިން ޓީމުގައި ހިމެނި ނަމަވެސް ތިމަރަފުށީގެ ވިސްނުން މި ކަމުގައި ތަފާތެވެ. ބިދޭސީ ކުޅުންތެރިންގެ އިތުރުން ތިމަރަފުށީގައި ހިމެނެނީ މުޅިން އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތިމަރަފުށީ ޓީމުގެ އަލްތަފް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތިމަރަފުށީ ޓީމުގެ އަލްތަފް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންނަށް އެހީތެރިވާ ފަރާތްތަކުން އެހާ ހިތްހަމައެއް ނުޖެހޭ. ރަށުން ބޭރުގެ ކުޅުންތެރިން ގެންނަން. ގެންނަ ކަމަށްވިއްޔާ ބޭނުންވަނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިން. ހަމަ އޭގެ މަގްސަދަކަށްވަނީ ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުން. ޒުވާން ކުޅުންތެރިން އަދި ރަށު ކުޅުންތެރިން އުފެއްދުން. އަޅުގަނޑުމެން ޓާގެޓްކޮށްފައި މި އޮތީ ޕްރިމިއާ ލީގުގައި ވެސް ރަށު ކުޅުންތެރިން ހިމެނުން. ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުން،" އަލްތަފް ބުންޏެވެ.

ތިމަރަފުށްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިން މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި އަންނަނީ ކުޅެމުންނެވެ. އިތުރު ކުޅުންތެރިންތަކެއް ތިމަރަފުށިން އުފައްދަން ބޭނުންވާ ކަމަށާއި އެކަމަށް އެކި ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށެވެ. އަދި އެކެޑެމީއެއްގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށާއި އެކަމަށް އެހީތެރިވާނެ ފަރާތެއް ހުރިނަމަ އެ ކަމަށް މަރުހަބާ ކިޔާނެ ކަމަށް އެ ޓީމުން ބުންޏެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށި ކުޅުނުއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗު ބަލަން ދަނޑަށް ވަދެފަ އެވެ. މި ފަހަރު ވެސް ވަންނާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

"ތިމަރަފުށީގެ ވަރަށް ބޮޑު އާބާދީއެއް މާލޭގައި އުޅޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ބަޔަކު މެޗު ބަލަން ދާނެ. ކުރީ ފަހަރަށް ވުރެ ގިނަ ސަޕޯޓަރުން މި ފަހަރު ދަނޑަށް ވަންނާނެ،" އަލްތަފް ބުންޏެވެ.

އޭނާ ބުނީ ފައިނަލުގައި ނުކުންނަ ށ. ފޯކައިދޫގެ މެޗުތައް އެފްއޭއެމްގެ ފޭސްބުކް ޕޭޖުން ބަލާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ތިމަރަފުށީ ޓީމުގެ ކެޕްޓަން އަބްދުއްނާސިރު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ތިމަރަފުށީ ޓީމުގެ ކެޕްޓަން އަބްދުއްނާސިރު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމަރަފުށީ ޓީމުގެ ކެޕްޓަނަކީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވިޔަންސާ އަށް ކުޅުނު އަބްދުއްނާސިރު އެވެ. މި ފަހަރު ތިމަރަފުށި މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

"އަޅުގަނޑު ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑު ދެކެނީ ޒުވާން ކުޅުންތެރިންނަށް މިއީ ނަމޫނާއެއް ކަމަށް އަޅުގަނޑު ހުރުމަކީ،" އަބްދުއްނާސިރު ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ފައިނަލުގައި ކުޅުނުއިރު އޮތް ޓީމާ މިހާރު އޮތް ޓީމު ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި މި ފަަހަރު ކުރިއަށް ވުރެ ޓީމުގެ ރޫހު ރަނގަޅުކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އޭދަފުށްޓާ އެކު (ފައިނަލުގައި) ކުޅުނުއިރު ތިބި ޓީމުގެ ތިބޭނީ މިހާރު ތިން ކުޅުންތެރިން. ދެން ހަމަ މުޅިން ހަމަ ޒުވާން ކުޅުންތެރިން ތިބޭނީ. އޭރަށް ވުރެން މިހާރު ތިބީ މާ ބޮޑަށް ހުނަރުވެރި ކުޅުންތެރިން. ބޯން ޓެލެންޓެޑް ކުޅުންތެރިން. އިރާދަކުރެއްވިއްޔާ ކުޅިގެން ތަށި ނަގައިގެން އެނބުރި ތިމަރަފުށްޓައް ދާނީ،" އަބްދުއްނާސިރު ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ހަތަރު ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށާއި އެ ކުޅުންތެރިންގެ ލީޑަޝިޕާ އެކު ތަފާތު ދެއްކޭނެ ކަމަށެވެ.

"ތިމަރަފުށީ ޓީމުގައި އެބަތިބި ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ހަތަރު ކުޅުންތެރިން. އެ ހަތަރު ކުޅުންތެރިންގެ އެހީގައި ވަރަށް އެކަތިގަނޑަކަށް ވެފައި މި ފަހަރު މި އޮތީ. މި ފަހަރު މުޅި ޓީމާއި ރަށުގެ ރައްޔިތުން އަދި އަތޮޅުގެ އެންމެންގެ އެހީއާ އެކު ފައިނަލަށް މި ނުކުންނަނީ،" އަބްދުއްނާސިރު ބުންޏެވެ.

ފޯކައިދޫ އާއި ތިމަރަފުށި ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.