Roadha Mihaaru
ފައިނަލުގައި ތިމަރަފުށްޓާއި ފޯކައިދޫގެ ކުރިމަތިލުމެއް

ފައިނަލުގައި ތިމަރަފުށްޓާއި ފޯކައިދޫގެ ކުރިމަތިލުމެއް

06 މެއި 2018

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ ތިން އަހަރު ތެރޭ ތިމަރަފުށި މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދި ދެ ވަނަ ފަހަރެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ ތިން އަހަރު ތެރޭ ތިމަރަފުށި މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދި ދެ ވަނަ ފަހަރެވެ.

ތިމަރަފުށި ފައިނަލްގެ ޖާގަ ހޯދި ސެމީ ފައިނަލުގައި ބ. ފެހެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ފޯކައިދޫ ވަނީ ސެމީ ފައިނަލުގެ އަނެއް މެޗުގައި 2-0 އިން ފ. ނިލަންދޫ ބަލިކޮށްފަ އެވެ. ފޯކައިދޫ އާއި ތިމަރަފުށި ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ.

ފެެހެންދޫ ކޮޅަށް ތިމަރަފުށީގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ތޯހިރު އެވެ. އޭގެ ދެ މިނިޓް ފަހުން ފެހެންދޫ އަށް އެއްވަރުކޮށްދިނީ އާދަމް ނަސީމް އެވެ. މެޗުގެ އިތުރު ވަގުތުގައި ތިމަރަފުށި ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ކޮއާސީ އެވެ.

ނިލަންދޫގެ މައްޗަށް ފޯކައިދޫ އިން ކުރިހޯދިއިރު އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ފާރިޝް އިބްރާހިމާއި ހުސެއިން ނިޝާން އެވެ.

ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބ. އޭދަފުށި އަތުން ބަލިވެފަ އެވެ. އެ ޓީމަކީ މި މުބާރާތް އަލުން ފެށިފަހުން ދެ ވަނަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދި ހަމައެކަނި ޓީމެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ސެމީ ފައިނަލުން ފުރުސަތު ހޯދައި ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ތިމަރަފުށްޓާއި ފޯކައިދޫ، ނިލަންދޫ އަދި ފެހެންދޫ އިން ވަނީ ހޯދައިފަ އެވެ. މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ޕްރިމިއާ ލީގަށް އައި އެއްވެސް ޓީމަކަށް މި ފަހަރު ފުރުސަތެއް ނުލިބެ އެވެ. އެ ގޮތުން އއ. މާޅޮހާއި އެންމެ ފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ފައިނަލް ބުރުން ކެޓިއިރު، ށ. މިލަންދޫ އާއި ގދ. ތިނަދޫ މި ފަހަރު ބައިވެރިއެއް ނުވެ އެވެ.