Roadha Mihaaru
ކުނި ސައިޓްގައި ރޯވިޔަސް ހިދުމަތަކަށް ބުރުލެއް ނާރާ

ހުޅުމީދޫ ކުނި ސައިޓްގައި ރޯވިޔަސް، ޚިދުމަތަކަށް ބުރުލެއް ނާރާ: ވެމްކޯ

11 އެޕްރީލް 2018

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެ ކުންފުނިން އެ ރަށުގައި ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހުޅުމީދޫ ސައިޓްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެ ކުންފުނިން އެ ރަށުގައި ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށް މިއަދު ބުނެފި އެވެ.

ވެމްކޯގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސް ފާތުމަތު ޝަމްވީލާ "މިހާރު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ރިޕޯޓެއް އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން ހަދަމުން އަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުނި ކޮށީގައި ރޯވީ، ރިސައިކަލް ކުރަން އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ހިފައިގެން ކަމަށް ބެލެވެ އެވެ.

"ތަނުގެ އިމާރާތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި. އަދި ވަރަށް ގިނަ މެޝިނަރީޒް ތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި،" ޝަމްވީލާ ވިދާޅުވި އެވެ.

"އެކަމަކު ބައެއް މެޝިނަރީތަކާއި އޮފީހުގައި ބޭނުން ކުރާ ބައެއް ތަކެތި ބޭރަށް ނެރެ ސަލާމަތް ކުރެވުނު. އަލިފާންގެ ހާދިސާ ހިނގި ސަބަބު އެނގޭނީ މިހާރު ހަދަމުން އަންނަ ރިޕޯޓް ލިބުނީމަ."

އެމްއެންޑީއެފުން އިއްޔެ ކުރި ޓްވީޓެއް.

އޭނާ ވިދާޅުވީ ކުނި މެނޭޖް ކުރާ ސައިޓަށް ގެއްލުން ލިބުނަސް، އާންމުންނަށް ދޭ ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށެވެ.

"އެހެންޏާ ވެސް އަޅުގަނޑުމެން ކުނި ކަލެޓްކޮށް، ކުރަން ޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން،" ޝަމްވީލާ ވިދާޅުވި އެވެ.

އިއްޔެ މެންދުރުފަހު ތިނެއް ޖަހާކަންހާއިރު ވެމްކޯ ހުޅުމީދޫ ސައިޓްގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވުނީ ހަވީރު ފަހެއް ޖަހާ ބޮޑުވި ފަހުންނެވެ. އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުންނެވެ.