Roadha Mihaaru
ފިލްމް ކުޅުން ހުއްޓާލަން ވިސްނިން: ސިދާތު

ފިލްމް ކުޅުން ހުއްޓާލަން ވިސްނިން: ސިދާތު

16 އެޕްރީލް 2018

ސިދާތު މަލްއުތުރާ ބޮލީވުޑަށް ނުކުތީ ވަރުން ދަވަން އާއި އާލިއާ ބަޓާ އެކު، ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގަ އެވެ. އޭގެ ހަ އަހަރު ފަހުން، އޭނާ ހުރި ހިސާބަށް ބަލާއިރު، ވަރުން އާއި އާލިއާ އަށް ވުރެ، ސިދާތު ހުރީ މާ ބޮޑަށް ވެސް ފަހަތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިދާތު މަލްއުތުރާ ބޮލީވުޑަށް ނުކުތީ ވަރުން ދަވަން އާއި އާލިއާ ބަޓާ އެކު، ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގަ އެވެ. އޭގެ ހަ އަހަރު ފަހުން، އޭނާ ހުރި ހިސާބަށް ބަލާއިރު، ވަރުން އާއި އާލިއާ އަށް ވުރެ، ސިދާތު ހުރީ މާ ބޮޑަށް ވެސް ފަހަތުގަ އެވެ.

ކަރަން ޖޯހަރްގެ ފިލްމަކުން ބޮލީވުޑަށް ނުކުތުމުގެ ނަސީބު ލިބުނަސް، މިހާތަނަކަށް މާ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމްތަކަކުން އޭނާ އަށް ފުރުސަތެއް ވެސް ނުލިބެ އެވެ. އަނެއްކޮޅުން، ކުޅުނު ފިލްމްތަކުން މާބޮޑު ކުރިއެރުމެއް ވެސް ސިދާތަށް ދެއްކިފައެއް ނެތެވެ.

އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ހަނދާން ހުންނާނެ ފިލްމްތަކަކީ މޯހިތު ސޫރީ ޑައިރެކްޓްކޮށް، ޝްރަދާ ކަޕޫރާ އެކު 2014 ގައި ކުޅުނު "އޭކް ވިލަން" އާއި 2016 ގައި ޝަކުން ބަޓްރާ ގެނެސް ދިން "ކަޕޫރް އެންޑް ސަންސް" އެވެ.

އޭގެ ފަހުން ސިދާތު ކުޅުނު ހުރިހާ ފިލްމްތަކެއްހެން ވީ ޕްލޮޕެވެ. އޭގެ ތެރޭގައި މި އަހަރު ރިލީޒް ކުރި "އައްޔާރީ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "އަ ޖެންޓްލްމޭން" އާއި 2016 ގައި ރިލީޒް ކުރި "ބާރް ބާރް ދޭކޯ" ހިމެނެ އެވެެ.

އުމުރުން މިހާރު 33 އަހަރުގެ އެކްޓަރު ބުނީ އުންމީދު ކުރި ވަރަށް ވުރެ އޭނާގެ ފިލްމީ ކެރިއަރުގެ ކުލަ މާ ބޮޑަށް ވެސް ފަނޑު ކަމަށެވެ.

"އެހެންވެ ވިސްނިން ފިލްމް ކުޅުން ހުއްޓާލަން. އެކަމަކު ފަހުން ހިތަށް އެރީ އަދި ވާ ގޮތެއް ބަލަން އިތުރު ވަގުތު މިކަމަށް ދޭނީއޭ." އާއިލާއަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އާއިލާއެއްކަން ފާހަގަކޮށް ސިދާތު ބުންޏެވެ.

މިހާތަނަށް ނުވަ ފިލްމް ކުޅުނު އެކްޓަރު ބުނި ގޮތުގައި ފިލްމް ކުޅުން ހުއްޓާލައި، އާއިލާ ކައިރި އަށް ނިއު ދިއްލީ އަށް ބަދަލުވާން ވަރަށް ސީރިއަސްކޮށް އޭނާ ވިސްނި އެވެ. އެކަމަކު އާއިލާއަކީ ވިޔަފާރިއެއް ވެސް ނުކުރާ އާދައިގެ އާއިލާއަކަށްވާތީ، ދިއްލީ އަށް ގޮސްގެން ކުރާނެ ވަކި ކަމެއް ވެސް ނެތް ކަމަށް ސިދާތު ބުންޏެވެ.

"ހިތަށް އެރީ އަހަރެން މިކަން ހުއްޓާލާފައި ގޮސްފި ނަމަ، ކުރާނެ މަސައްކަތެއް ވެސް ނެތިފައި ހުރި މީހެއް ކަމަށް އާއިލާ އަށް ވެސް އިހުސާސް ކުރެވި، އެ މީހުންގެ ފިކުރު ވަަރަށް ބޮޑު ވާނޭ،" ކަރަންއާ އެކު 2010 ގައި ޝާހްރުކް ހާންގެ "މައި ނޭމް އިޒް ހާން" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އެކްޓަރު ބުންޏެވެ. "އެހެންވެ އަދި ވާ ގޮތެއް ބަލާލަން މިކަމަށް އަދި ވަގުތު ދޭން ނިންމީ."

ސިދާތުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ކެޕްޓަން ވިކްރަމް ބަޓްރާގެ ބައޮޕިކާއި އެކްތާ ކަޕޫރްގެ "ޝޮޓްގަން ޝާދީ" ހިމެނެ އެވެ. އެކަމަކު މިއިން އެއްވެސް ފިލްމެއްގެ މަސައްކަތް އަދިއެއް ނުފަށަ އެވެ.