Roadha Mihaaru
މަނިޕާލާ ގުޅިގެން ރާއްޖޭގައި ކެންސަރުގެ ފަރުވާ ފަށަނީ

ކެންސަރުގެ ފަރުވާ ފެށުމަށް އިންޑިއާގެ ވަރުގަދަ ހޮސްޕިޓަލަކާއެކު ސޮއިކޮށްފި

21 ޖުލައި 2016

ރާއްޖޭގައި އާއްމުވަމުންދާ ބަލި، ކެންސަރަށް ފަރުވާ ދޭން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލުގައި ކްލިިނިކެއް ގާއިމު ކުރުމަށް އެމްއޯޔޫއެއް މިއަދު ސޮއިކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި އާއްމުވަމުންދާ ބަލި، ކެންސަރަށް ފަރުވާ ދޭން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލުގައި ކްލިިނިކެއް ގާއިމު ކުރުމަށް އެމްއޯޔޫއެއް މިއަދު ސޮއިކޮށްފި އެވެ.

މަނިޕާލް ހޮސްޕިޓަލްސްއަކީ އިންޑިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިއްހީ ނެޓުވޯކެވެ. އަދި އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަކީ ކެންސަރަށް ފަރުވާ ކުރުމުގައި އެންމެ ވަރުގަދަ އެއް ހޮސްްޕިޓަލެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި "މަނިޕާލް ހޮސްޕިޓަލް ކެންސާ ސެންޓަރު"ގެ ނަމުގައި ތަނެއް ގާއިމު ކުރުމަށް މިއަދު އެ ހޮސްޕިޓަލާއެކު ސޮއިކުރެއްވީ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު އާއި އާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި މަނިޕާލް ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. އަޖޭ ބަކްޝީ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލު ހޮސްޕިޓަލްް: މިއީ ކެންސަރަށް ފަރުވާ ކުރުމުގައި ފާހަގަ ކޮށްލެވޭ ތަނެއް

އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލު ހޮސްޕިޓަލްް: މިއީ ކެންސަރަށް ފަރުވާ ކުރުމުގައި ފާހަގަ ކޮށްލެވޭ ތަނެއް

ކެންސަރުގެ ހުރިހާ ފަރުވާއެއް ލިބޭގޮތަށް ގާއިމު ކުރާ ދިހަ އެނދުގެ މި ސެންޓަރު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވައި، ހިދުމަތް ދޭން ފަށާނެ ކަމަށް މަނިޕާލް ހޮސްޕިޓަލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަކްޝީ ވިދާޅުވީ ހުޅުމާލޭގައި ކެންސަރު ސެންޓަރު ގާއިމު ކުރާނީ އެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ދާން ނުޖެހޭހާ ފެންވަރު މަތިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކްލިނިކް ހުޅުވާއިރު ކީމޯ ތެރަޕީގެ ހިދުމަތް ދޭން ފެށި ނަމަވެސް ސާޖަރީ އާއި ރޭޑިއޭޝަންގެ ހިދުމަތް ފެށޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އެކަމަކު އެ ހުރިހާ ހިދުމަތެއް ނިމުމުން، ކެންސަރަށް ފަރުވާ ހޯދަން ކޮންމެހެން އިންޑިއާއަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ބެންގަލޫރުގައި ހުންނަ އަޅުގަނޑުމެންގެ ހޮސްޕިޓަލަށް ދާ ދިވެހިން އޭރުން މަދުވާނެ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ ވެސް އެގޮތް. އޭރުން އަޅުގަނޑުމެންނާ ހިސާބަށް އަންނާނީ އެންމެ ސީރިއަސް އަދި ކޮމްޕްލިކޭޓެޑް ކޭސްތައް،" ނިއުރޯސާޖަން ބަކްޝީ ވިދާޅުވި އެވެ.

މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސާ ސެންޓަރެއް ހުޅުވުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް(ކ) އާއި އާސަންދައިގެ އެމްޑީ މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކެންސަރަށް ފަރުވާ ކުރުމަކީ ދިގު އަދި އުނދަގޫދަތުރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭން ބޭރުގައި އެ ފަދަ ފަރުވާއެއް ކުރުމަކީ ބަލި މީހާ އާއި އާއިލާއިން އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.

ރާއްޖޭގައި ކެންސަރަށް ފަރުވާދިނުމަށްޓަކައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހުޅުމާލޭގައި ކްލިނިކެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސަރުކާރާއި މަަނިޕާލް ހޮސްޕިޓަލާ މެދު ކުރި މަޝްވަރާތަކުގެ ތެރޭން ފަށާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާ ދޭނީ މަނިޕާލް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އެކަމަކު ދެވަނަ ފިޔަވަހީގެ ދަށުން ރާއްޖޭގެ ތިން ޑޮކްޓަރުންނާއި ހަ ނަރުހުން، ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލުގައި ތަމްރީނު ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުން ގިނަކަން ފާހަގަ ކުރައްވައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބުރާހިމް ވިދާޅުވީ ރާއްޖޭން ބޭރުގައި ފަރުވާ ކުރުމަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ކެންސަރަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭން ބޭރުގައި ކެންސަރަށް ފަރުވާ ކުރުމަށް އާސަންދައިން 60-70 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި، މި ފެންވަރުގެ ކެންސާ ސެންޓަރެއް ހުޅުވުމަކީ ސަރުކާރުން އެ ބައްޔަށް ފަރުވާ ކުރުމަށް ހޭދަ ކުރަން ޖެހޭ މިންވަރު ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާ ގުޅިގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ހިތުގެ ބަލީގެ ފަރުވާ ވެސް ފަށައިފަ އެވެ.