Roadha Mihaaru
މަޖީދިއްޔާގެ މައްސަލަ ހައްލެއް ނުވޭ

މަޖީދިއްޔާގެ މައްސަލަ ހައްލެއް ނުވޭ: ޓީޗަރުން

24 އެޕްރީލް 2018

މަޖީދިއްޔާ ސްކޫލުގެ ބިދޭސީ ޓީޗަރަކާއި ދަރިވަރަކާ ދެމެދު މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި އެ ސްކޫލުގެ ދިވެހި ޓީޗަރުން ކުރަމުންދާ ހަލުތާލު އަދިވެސް ނިންމާލައިފައި ނުވާ ކަމަށް ޓީޗަރުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޖީދިއްޔާ ސްކޫލުގެ ބިދޭސީ ޓީޗަރަކާއި ދަރިވަރަކާ ދެމެދު މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި އެ ސްކޫލުގެ ދިވެހި ޓީޗަރުން ކުރަމުންދާ ހަލުތާލު އަދިވެސް ނިންމާލައިފައި ނުވާ ކަމަށް ޓީޗަރުން ބުނެފި އެވެ.

"މިހާރު" އާ ވާހަކަދެއްކި ޓީޗަރުން ބުނީ ހެނދުނުން ފެށިގެން ދިވެހި ހުރިހާ ޓީޗަރުން ކިޔަވައިދިނުން ހުއްޓާލުމަށް ފަހު ތިބީ ސްޓާފް ރޫމުގައި ކަމަށެވެ. ޓީޗަރުން ބޭނުން ވަނީ ކަންބޮޑުވުންތައް އެޑިއުކޭޝަނުން އަޑުއަހައި އެކަން ހައްލުކޮށްދިނުން ކަމަށް ޓީޗަރުން ބުންޏެވެ.

އެ މައްސަލަ ބެލުމަށް މަޖީދިއްޔާ އަށް ގޮސް އުޅުއްވާ، އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ އެ މައްސަލަ ބަލައި އަދި ނުނިމޭ ކަމަށެވެ. މައްސަލަ ބަލައި ނިމުމުން ތަފްސީލު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް ޓީޗަރުން ބުނީ ދިވެހި އެއްވެސް ޓީޗަރެއް ކިޔަވައި ނުދޭ ކަމަށެވެ.

ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލުގައި މަސައްކަތްކުރާތާ 12 އަހަރުވެފައިވާ ބިދޭސީ، ހިސާބު ޓީޗަރަކާ ދެމެދު އާދިއްތަ ދުވަހު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވެނީ، އެ ދަރިވަރު ހުއްދަ ނެތި ކްލާހަކަށް ވަދެ އެހެން ކުދިންނަށް ފުރައްސާރަ ކުރަން ފެށުމުން އެ ދަރިވަރު ކްލާހުން ނެރެން އެ ޓީޗަރު މަސައްކަތް ކުރުމުންނެވެ.

ޓީޗަރު މަރާލާނެ ކަމަށް ބުނެ ކަތުރަކާއި ދަނޑިބުރިއެއް ހިފައިގެން އެ ދަރިވަރު މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް މަންޒަރު ދުށް ޓީޗަރަކު ވިދާޅުވި އެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރު ސަސްޕެންޑް ކޮށްފައިވާއިރު، ދަރިވަރާ ދޭތެރޭ ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނެތެވެ.

މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކު ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައިވާ ދަރިވަރު މިދިޔަ އަހަރު ޓީޗަރަކަށް ވަޅިން ބިރުދެއްކި މައްސަލައެއް ވެސް ބަލާފައިވެ އެވެ. އަދި މި އަހަރު އެ ސްކޫލުގެ ކައުންސިލަރަށް ބިރުދެއްކުމާއި ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ހަމަލާ ދިން މައްސަލައެއް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.