Roadha Mihaaru
ބަޔާނަށް ރެއާލް ހައިރާން ކޮށްލެވިދާނެ: ހެއިންކެސް

ބަޔާނަށް ރެއާލް ހައިރާން ކޮށްލެވިދާނެ: ހެއިންކެސް

25 އެޕްރީލް 2018

މިއުނިކް (އޭޕްރީލް 25) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމު ހައިރާން ކޮށްލެވޭނެ ފެންވަރު ބަޔާން މިއުނިކުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (އޭޕްރީލް 25) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމު ހައިރާން ކޮށްލެވޭނެ ފެންވަރު ބަޔާން މިއުނިކުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

މިއީ ބަޔާނާއި ރެއާލް ޔޫރަޕްގެ މުބާރާތްތަކުގައި ކުރިމަތިލާ 25 ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު މެޗުތަކުން ކޮންމެ ޓީމެއް 11 ފަހަރު މޮޅުވެފައިވާއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މެޑްރިޑަށް 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ހެއިންކެސްގެ އިރުޝާދުގެ ދަށުން ބަޔާން ނުކުންނައިރު އެ ޓީމަށް މިވަނީ، މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން މެޑްރިޑް އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފަން ފުރުސަތު ލިބިފަ އެވެ.

"މިއީ ވަރަށް ތާރީހީ ކުރިމަތިލުމެއް. މިއީ ދުނިޔޭގެ ނަން މަޝްހޫރު ދެ ނަން. ދެ ބްރޭންޑް. ގިނަ ކާމިޔާބީތަކެއް މި ދެ ކްލަބުން ހޯދައިފި. މިދިޔަ އޮކްޓޫބަރު މަހު ބަޔާން އޮތް ހާލަތުން އެ ޓީމަށް މި މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނެ ކަމަށް ގިނަ ބަޔަކު އުއްމީދެއް ނުކުރާނެ. އެކަމަކު މިއީ ހަގީގަތް. ބަޔާނުގެ ކިބައިގައި ރެއާލް ހައިރާން ކޮށްލެވޭނެ ފެންވަރު އެބަހުރި،" ހެއިންކެސް ބުންޏެވެ.

މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ރެއާލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބަޔާން ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު، ބަޔާނުން ހާއްސަ ގޮތެއްގައި ރޮނާލްޑޯ އަށް ސަމާލުވާން ނުޖެހޭ ކަމަށް ހެއިންކެސް ވަނީ ބުނެފަ އެވެ.

"ރޮނާލްޑޯ އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް. ހަަމަ އެގޮތަށް އަހަރެމެންގެ ލެވަންޑޯސްކީ އަކީ ވެސް މޮޅު ކުޅުންތެރިޔެއް، އޭނާ 39 ގޯލު ޖަހައިފި މި ސީޒަންގައި. ހަމައެކަނި ސުވާލު އުފައްދަންވީ ރޮނާލްޑޯ ހުއްޓުވާނެ ގޮތަކާ މެދު އެއް ނޫން. ލެވަންޑޯސްކީ ވެސް ހުއްޓުވަން އުނދަގޫވާނެ،" ހެއިންކެސް ބުންޏެވެ.

ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިދިޔަ އަހަރާ އަޅާކިޔާއިރު، ބަޔާން އޮތީ މާ ބޮޑަށް ވަރުގަދަވެފައި ކަމަށެވެ.

"މިދިޔަ އަހަރަކީ މާޒީ އަހަރެމެން މިހާރު ގަބޫލުކުރަން ޖެހޭ ބަޔާން އޮތީ ކުރިއަށް ވުރެ ވަރުގަދަކޮށްކަން،" ޒިދާން ބުންޏެވެ.

މިރޭގެ މެޗަކީ މި ސީޒަނުގައި ރެއާލް ދޫކޮށް ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ބަދަލުވި ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗެވެ.

"ޖޭމްސް އަކީ ފުޓްބޯޅަ ކުޅެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެއް. ރެއާލުގައި އޭނާ އަށް އެންމެ ފުރިހަމަ އަށް އެ ފުރުސަތު ނުލިބުމަކީ އޭނާ ވަކި ކަމެއް އަހަންނަށް ދައްކަން ނޫނީ ސާބިތުކޮށްދޭން ނުކުންނަން ޖެހޭ ސަބަބެއް ނޫން،" މި ސީޒަނުގައި ބަޔާނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމްސްއާ ބެހޭގޮތުން ޒިދާން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި އެންމެ ފަހުން ބަޔާނާ ދެކޮޅަށް ކުޅުނު ފަަސް މެޗުން ވެސް ރެއާލް ވަނީ މޮޅުވެފަ އެވެ. ތިން ފަހަރު ސެމީ ފައިނަލުން ބަލިވިއިރު، ދެ ފަހަރު ވަނީ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.