Roadha Mihaaru
މިއީ ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމެއް: ޒިދާން

މިއީ ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމެއް: ޒިދާން

18 މާޗް 2017

ނިޔޯން، ސްވިޒަލެންޑް (މާޗް 18) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ކާލޯ އަންޗެލޮޓީގެ ބަޔާން މިއުނިކް ބައްދަލުކުރާ މެޗުގައި ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމެއްގެ އިހުސާސް ހުންނާނެ ކަމަށް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިޔޯން، ސްވިޒަލެންޑް (މާޗް 18) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ކާލޯ އަންޗެލޮޓީގެ ބަޔާން މިއުނިކް ބައްދަލުކުރާ މެޗުގައި ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމެއްގެ އިހުސާސް ހުންނާނެ ކަމަށް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒިދާން ވަނީ އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން 1999/2000 ގައި ޔުވެންޓަސް އަށް ކުޅެފަ އެވެ. އަދި އަންޗެލޮޓީ މެޑްރިޑާ ހަވާލުވެ 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ކާމިޔާބުކޮށްދިން އިރު ޒިދާން ހުރީ އެސިސްޓަންޓް ކޯޗަކަށެވެ. އަންޗެލޮޓީ އެ ޓީމުން ވަކިކުރުމުން ކޯޗުގެ މަގާމާ ޒިދާން ހަވާލުވެ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ.

"މި މެޗު ވެގެންދާނީ ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމަކަށް. އަހަރެން އެސިސްޓަންޓަކަށް އަންޗެލޮޓީއާ އެކު މަސައްކަތްކުރިން. އޭނާގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި. މި ކްލަބުގައި އޭނާ އެތައް ކަމެއް ހާސިލްކުރި. އަންޗެލޮޓީ އަކީ ވަރަށް ރަނގަޅު މީހެއް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ސެމީ ފައިނަލަށް ހޮވޭނެ ޓީމެއް ނިންމާނީ ކުޅުންތެރިން ކަމަށާއި އެންމެ މުހިއްމީ ކުޅޭ ސިސްޓަމް ނޫން ކަމަށެވެ.

"ކުޅުންތެރިން މެޗާ ދޭތެރޭ ދެކޭ ގޮތާއި އެ ކުޅުންތެރިންގެ އަޒުމާއި ހިތްވަރު މީގައި މުހިއްމީ،" ޒިދާން ބުންޏެވެ. "މިއީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަހަރެން އެންމެ ބޭނުންވި ކަހަލަ މެޗެއް. މިފަދަ މެޗުތަކަށް އަބަދުވެސް އިންތިޒާރުކުރަން."

މި މެޗާ އެކު އޭޕްރިލް މަސް ވެގެންދާނީ މެޑްރިޑަށް ބުރަ މަހަކަށެވެ. ސްޕެނިޝް ލީގުގައި އަލަވެސް އާއި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އަދި ސްޕޯޓިން ގިޔޯންއާ ދެކޮޅަށް ކުޅެން ޖެހޭއިރު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ދެ މެޗު ކުޅެން ޖެހޭނެ އެވެ.

"އޭޕްރިލް މަސް ވެގެންދާނީ ވަރަށް ފާހަގަކޮށްލެވޭ މަހަކަށް. އެކަމަކު އަހަރެެމެންގެ ގްރޫޕެއް އެބައޮތް، ސްކޮޑެއް އެބައޮތް. ސީޒަނުގެ އެންމެ ރަނގަޅު ހިސާބު މިއީ. މިއީ ހުރިހާ ކަމެއް ކަށަވަރުވެގެންދާ ދުވަސްވަރު،" ޒިދާން ބުންޏެވެ. "ކުޅުންތެރިންނަށް އެކަން އެނގޭނެ. އަހަރެމެން މިތިބީ އަހަރެމެންގެ އަމާޒަށް ސަމާލުވެގެން، އެއީ ހުރިހާ ކާމިޔާބެއް ހާސިލްކުުރުމުގެ އަމާޒު."